ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ ސޯޝަލް ހައުސިންގެ އަގުތައް 6000 ރުފިޔާއަށްވުރެ ބޮޑު ނުވާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި 4000 ހައުސިން ޔުނިޓްގައި ސޮއިކުރެއްވުމާއި ގާތްވެފައިވާ ކަމަށާއި، ސޯޝަލް ހައުސިންގެ އަގު 5000 ރުފިޔާއާއި 6000 ރުފިޔާއާއި ދެމެދު ބަހައްޓަވާނެ ކަމަށެވެ. ރައީސް ވިދާޅުވީ މިއީ ސަރުކާރުން ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ހޯއްދަވައި ދެއްވުމަށް ނިންމެވި ނިންމެވުމެއް ކަމަށެވެ.
"އަތްފޯރާ ފަށުގައި ލިބޭގޮތަށް މިކަން މި ކުރަނީ. މީގެ ތެރެއިން 4000 ޔުނިޓްގެ އެގްރީމެންޓާ ހިސާބަށް މިއަދު ދެވޭނެކަމަށް އުންމީދު މިކުރަނީ. އަގު ހުންނާނީ އަތްފޯރާ ފަށުގައި. 6000 އަށްވުރެ އަގު މަތިނުވާ ވަރަށް ތިން ކޮޓަރީގެ އެޕާޓްމަންޓެއް ބެހެއްޓޭތޯ މި ބަލަނީ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާތަނަށް ބޯހިޔާވަހިކަމުގެ ރަނގަޅު ނީޑް އެސެސްމަންޓެއް ހެދިފައެއް ނެތްކަމަށެވެ. އަދި މީގެ ކުރިން ނީޑް އެސެސްމަންޓެއް ހެދިފައި އޮތް ނަމަވެސް އެއަށް މިހާރު ބަދަލުތަކެއް އައިސްފައިވާނެ ކަމަށާއި، އެ އަލުން ބަލަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އާ ނީޑް އެސެސްމަންޓެއް ހަދަން ޖެހިވަޑައިގަންނަވަނީ ރައްޔިތުން އެއްތަނުން އަނެއްތަނަށް ދިރިއުޅުން ބަދަލުކޮށް، ވަކިން ހާއްސަކޮށް މާލެ ސަރަހައްދަށް މި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިޖުރަކޮށްފައިވާތީ ކަމަށެވެ. އަދި އެކަން ދަފްތަރުން އެނގެން އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމަ ފުރަތަމަ 100 ދުވަހު އަޅުގަނޑުމެން އެބަ ނިންމަން ނީޑް އެސެސްމަންޓެއް. ހައުސިން ނީޑް އެސެސްމަންޓް މިހާރު ގާތްގަޑަކަށް ނިމިފައި އޮތީ. ކުރީގައި ބެލިފައި އޮތް ކަންތައްތަކަށް ބަލާއިރު، ގާތްގަޑަކަށް 20،000 މީހުންނަށް އެބަ ބޭނުންވޭ ބޯހިޔާވަހިކަން. އޭގެ ތެރެއިން މާލެއަށް ހާއްސަކޮށްގެން ބަލާ އިރު، ދިރާސާތަކުން ދައްކާ މާލޭގައި އެބައުޅޭ 4000 މީހުން ބޯހިޔާވަހިކަން ނެތް ކަމަށް. ފައިނަލް އަދަދެއް އެނގޭނީ އެސެސްމަންޓް ނިމުމުން އޭގެ އަލީގައި އަޅުގަނޑުމެން ހައުސިން ކުރިއަށް މިގެންދަނީ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސޯޝަން ހައުސިންގެ މަސައްކަތް ކުރިއަށް ގެންދަން އުފެއްދެވި ކުންފުނީގެ މަގްސަދަކަށް ވާނީ ބޯހިޔާވަހިކަމުގެ ތެރެއިން ސޯޝަލް ހައުސިންގެ އަގުތައް ކޮންޓްރޯލްކޮށް، އަގުތައް އެއްވަރެއްގައި ހިފަހައްޓަވައިގެން އަތްފޯރާ ފަށުގައި އެކަން ކުރެއްވުން ކަމަށެވެ.