މިރޭ އޮތް މައްޗަންގޯޅި މެދު ދާއިރާގެ ޕީއެސްއެމް މަޖިލިސް ބަހުސް ގައި އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ހަމަ އެދާއިރާއަށް ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާތަކެއް ދީފިއެވެ.

އިބްރާހިމް މިރޭ ބުނީ މަގާމުގެ ޒިންމާއިން ބަރީއަވާގޮތަށް ނުވަތަ ދޫކޮށްފައި ވަޑައިގަތުމަކީ އެއްވެސް މީހެއްގެ ގާބިލުކަން ކަމަށް ނުދެކޭ ކަމަށެވެ. އަދި ގާނޫނުތަކާއި ގަވާއިދުތަކެއް ހެދުމުގެ ކުރިން، އެންމެ މުހިންމު ކަމަކީ މަޖިލީހަށް ކުރިމަތިލާ މީހާ އަކީ ތާރީހު ސާފު މީހަކަށް ވުން ކަމަށް ވެސް އޭނާ ބުންޏެވެ.

އަދި މައްޗަންގޯޅި މެދުދާއިރާގެ މެންބަރު ކަން ކުރުމުގެ ފުރުސަތު މިހާރު ރައްޔިތުންގެ ވެރިއަކަށް ހުންނެވި ބޭފުޅާގެ ޅިއަނަކަށް ދެއްވީމަ ވާނީ ކިހިނެތް ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އިބްރާހިމް މިރޭ ބުނެފައި ވެއެވެ.

"މީގެ ތިރީހަކަށް އަހަރު ކުރީގައި ވެރިކަން ދިވެހި ރައްޔިތުން ބަލައިނުގަތީ އާއިލީ ބޭފުޅުންނާ ގުޅުން ހުރި ފަރާތްތަކަށް ތަފާތު މަގާމުތައް ދީ ވަޒީފާތައް ދީ ވެރިކަން ބަށްކޮށްގެން އުޅޭތީ. ހަމައެގޮތަށް އަޅުގަނޑުމެން ވިސްނަންޖެހޭނެ. މައްޗަންގޯޅި މެދުދާއިރާގެ ރައްޔިތުން ވެރިކަމަށް ވަޑައިގެން ހުންނެވި ބޭފުޅެއްގެ ޅިއަނަކަށް އެ ފުރުސަތު ދެއްވީމަ ކިހިނެއްތޯ ވާނީ" އޭނާގެ ހަމަލާތައް ބަރިޔަކަށް އޮށްސާލިއެވެ.

އޭނާ މިހެން ބުނެފައި ވާ އިރު ނަޝީދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ ދެބެންގެ ދެދަރި ބޭފުޅެއް ކަން ފާހަގަ ކޮށްލެވެއެވެ.

އިބްރާހިމް އިތުރަށް ބުނެފައި ވަނީ ފާއިތުވެ ދިޔަ އަހަރުތަކުގައި ވެސް މައްޗަންގޯޅި މެދު ދާއިރާ އޮތީ، އެއް ބައެއްގެ އަތްދަށުގައި ކަމަށާއި، ހަގީގަތުގައި ކޮރަޕްޝަނަކީ އެއީ ކަމުގައެވެ.

ނަޝީދު ވެސް މިރޭގެ ބަހުސް ގައި އިބްރާހީމަށް ބަހުގެ ހަމަލާ ތަކެއް ފޮނުއްވާލައްވައިފައި ވެއެވެ. އެ ގޮތުން ވޯޓު ދިނުމަކީ އިސްލާމްދީނާ ދުރުކަމެއްކަމަށް ވަކާލާތު ކޮށްފައި އޭގެފަހުން ނުކުމެ ވޯޓަށް އެދޭކަށް އެއްގޮތަކަށް ވެސް ނުވާނެ ކަމަށް ނަޝީދު ވިދާޅު ވިއެވެ.

އަދި ނަޝީދު ވަނީ މަޖިލީސް 19 ގައި މައިގަނޑުގޮތެއްގައި ހިފަހައްޓާ އުސޫލަކީ އުސޫލަށް ތަބާވުން ކަމަށާ މިތަނަށް (ބަހުސައް) އައިސް އެއްޗެއް ނުކިއުމަށް އެއްބަސްވެ ތިބެފައި ދެން ވަގަށް ފޯނުން އެއްޗެއް ކިއީމައި އެއީ އުސޫލަށް ތަބާ ވެވުނީކީ ނޫންކަމަށް ވިދާޅުވެފައެވެ. ނަޝީދު އެވާހަކަ އަމާޒު ކުރެއްވީ ކާކަށް ކަމެއް ނޭނގެއެވެ.