ފަނޑިޔާރުންނަށް ދޭ މުސާރަ އާއި އެބޭފުޅުންނަށް ދެވޭ އިނާޔަތްތައް ބޮޑުކޮށްގެން ވެސް އިންސާފެއް ނުލިބުނު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މައްޗަންގޯޅި ދެކުނު ދާއިރާގެ މަޖިލިސް ބަހުސް ގައި ވާހަކަފުޅު ދައްކަވަމުން، ނަޝީދު ވިދާޅުވީ، ގާނޫނުއަސާސީ އިސްލާހު ކުރެވުނު އިރު ކުރަން ފެނުނު އެއް ކަމަކީ، ފަނޑިޔާރުގޭގައި ފަނޑިޔާރުންނަށް އުމުރަށް ތިބެވޭނެ ގޮތް ހެދުން ކަމަށެވެ. އެއާއެކު ފަނޑިޔާރުންނަށް ދޭ މުސާރައާއި އެބޭފުޅުންނަށް ދެވޭ އިނާޔަތްތައް ވެސް ބޮޑުވާން ޖެހޭނެ ކަމަށް ނިންމި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އެ ބަދަލު ތަކާ އެކުވެސް ފެންނަމުން މިދަނީ ރައްޔިތުން އެދޭ އިންސާފު ލިބެމުން ނުދާތަން ކަމުގައި ނަޝީދު ވިދާޅުވިއެވެ.
"ގާނޫނުއަސާސީ އިސްލާހު ކުރެވުނު އިރު އަޅުގަނޑުމެންނަށް ފެނުނު އެއްތަނަކީ އުމުރަށް ފަނޑިޔާރުން ފަނޑިޔާރުގޭގައި ބައިތިއްބަން ޖެހޭ ކަން. އަދި ހަމައެއާ އެކީ ފަނޑިޔާރުންނަށް ދޭ މުސާރައާއި އެބޭފުޅުންނަށް ދެވޭ އިނާޔަތްތައް ގިނަވާންޖެހޭނެ ކަމަށް، އިތުރުވާން ޖެހޭނެ ކަމަށް. އެގޮތަށް އަމަލު ކުރަމުން މިހާރު މި އަންނަނީ. އެހެންނަމަވެސް މިއަދު އަނެއްކާ އަޅުގަނޑުމެންނަށް މި ފެންނަނީ އެ އަމަލުތަކުން އެ ބަދަލުތަކުންވެސް އަޅުގަނޑުމެން މިއެދޭ އިންސާފު އަޅުގަނޑުމެންނަށް ނުލިބޭތަން" ނަޝީދު ވިދާޅު ވިއެވެ.
މީގެ އިތުރުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ޖޭއެސްސީއަށް ނުފޫޒު ފޯރުވަން ތިއްބެވީ ހަމައެކަނި ރައްޔިތުން މަޖިލީހުގެ މެންބަރުން ނޫން ކަމަށާ، ފަނޑިޔާރުން ވެސް އެކޮމިޝަންގައި ގިނަ އަދަދަކަށް ތިއްބެވި ކަމަށެވެ.
އެގޮތުން ޖޭއެސްސީ މިހާރު އެކުލެވިގެންވާގޮތް ނޫން އެހެންގޮތަކަށް ބަދަލު ކުރަން ޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅު ވިއެވެ. އަދި ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާ ޖުޑިޝަރީ ވަކިން ހިންގަން ޖެހޭ ކަމަށް ނަޝީދު ވިދާޅު ވިއެވެ.
ނަޝީދު ވިދާޅުވީ، ދެފުށްފެންނަގޮތަށް ޝަރީއަތްތައް ހިނގަންޖެހޭ ކަމަށާއި އެގޮތުން، ޝަރީއަތްތަކުގެ ހުކުމްތަކާއި، ޝަރީއަތްކުރެވުނީ ކިހިނެތް ކަން ބަޔާންކުރަން ޖެހޭނޭ ކަމަށެވެ.
ނަސީދަށް ފަނޑިޔާރުގެ ކަމުނުދާނެ. އެއީ މައިޓް ކުންފުނި ފައިސާއާ ފިސްތޯލަ މައްސަލައިގަ ނަސީދު ބައްޕަޔަށް ހުކުމް ކުރީމަ އާއި ކޯޓުން ގެ ވިއްކާލީމަ. ހެންވޭރު ދޯނިއެހެލާތަނުގާ އޮތް ލޯންޗެއްގަ އެއްޗެއް ގޮއްވީމަ އާ ވެލާނާގެއިން 3 ތަޅާ 2 ތަޅުދަނޑި ނަގައިގެން ނަސީދަށް ހުކުމް ކުރީމަ.