ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރި މައްސަލައިގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވުމުން ދެއްވި ޖަވާބާ، ފަހުން ފޮނުއްވި ލިޔުމުގައި އޮތް ޖަވާބު ދިމާ ނުވާ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަބްދުﷲ އަބްދުއްރަހީމް (އަދުރޭ) ވިދާޅު ވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުން، އަދުރޭ ވިދާޅުވީ، ޔާމީން ހައްޔަރު ކުރި މައްސަލައިގައި ކޮށްދެއްވޭނެ ކަމެއް ނެތް ކަމަށް ރައީސް ސޯލިހު ވިދާޅުވެފައި ވާކަމަށެވެ.

މިއަދު އަދުރޭ ވިދާޅުވީ، ޔާމިން ހައްޔަރު ކުރުމާ ގުޅިގެން، އެ ފަދަ މައްސަލަ ތަކުގައި ގައުމުގެ ރައީސަކަށް ހޯއްދަވައި ދެއްވޭނެ ސިޔާސީ ހައްލު ހުންނާނެ ކަމުގައި ރައީސް ސޯލިހު ކުރިން ވިދާޅުވި ކަމަށެވެ. އެކަމަކު ފަހުން ރައީސް ސޯލިހު ލިޔުމުން ދެއްވި ޖަވާބުގައި ވަނީ، އެކަމުގައި ރައީސަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް ކަމުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރައީސް ސޯލިހާ ބައްދަލު ކުރަން ވިސްނުމުގެ ޖާގަ އެއް އޮތް ކަމަކަށް މިހާރު އަޅުގަނޑުމެން ގަބޫލެއް ނުކުރަން، އެއީ ރައީސް ސޯލިހާ އަޅުގަނޑުމެން ބައްދަލު ކުރި ދުވަހު ދެއްކެވި ވާހަކައާ އަޅުގަނޑުމެން، ލިޔެކިޔުމުން ސޯލިހު ދެއްވި ޖަވާބަކާ އެއް ގޮތަކަށް ވެސް ދިމައެއް ނުވޭ، އެހެން މި ދަންނަވާލަން ޖެހުނީ އެދުވަހު އެމަނިކުފާނު ވިދާޅުވި، އަޅުގަނޑުމެންގެ ޓީމު އެންމެންގެ ހާޒިރުގަ ތިކަމަކީ ސިޔާސީ ގޮތުން ހައްލު ހޯދި ދާނެ ކަމެކޭ، ތިކަމުގަ ސިޔާސީ ގޮތުން ކުރެވޭނެ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގަ ހުންނަވާ ބޭފުޅަކަށް ހުންނާނޭ، އެއްމޭޒު ދޮށުގައި އިނދެގެން ވާހަކަ ދެއްކުމޭ ކޮންމެ ކަމެއްގައިވެސް އޮތް އެންމެ ރަނގަޅު ހައްލަކީ." އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުގެ ފަރާތުން ޕީޕީއެމްއަށް ލިބެންޖެހޭ ފައިސާތަކުގެ ތެރެއިން އެއް ވެސް ފައިސާއެއް މިހާތަނަށް ވެސް އެ ޕާޓީއަށް ނުލިބޭ ކަމަށް އަދުރޭ މިއަދު ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ، ކުރިން އެ ފައިސާ ދޫކޮށްފައި ނުވަނީ، ކޯޓުގައި ޕީޕީއެމްގެ މައްސަލައެއް އޮތުމުން ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު މިހާރު އެ ފައިސާ ނުލިބެންވީ ސަބަބެއް އޮތް ކަން އެނގިވަޑައގެންފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.