ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެއްވި މުހައްމަދު ހަމީދު (އެމްސީ ހަމީދު) އަކީ އެ މަގާމަށް ވަރަށް ގާބިލް ބޭފުޅެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހަމީދު ސީޕީގެ މަގާމަށް ޕްރޮމޯޓް ކުރުމާއި ގުޅިގެން އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް މުހައްމަދު ހަމީދު އައްޔަންވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިހާތަނަށް އެކްޓިން ސީޕީގެ މަގާމުގައި ހުންނެވި ހަމީދަކީ ސީޕީގެ މަގާމަށް ވަރަށް ގާބިލް ބޭފުޅެއް ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

"މިއީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް" އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ހަމީދު ސީޕީކަމަށް ޕްރޮމޯޓް ކުރުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާއަކީ އެ މަގާމަށް ގާބިލް އަދި އެކަށީގެންވާ ބޭފުޅެއް ކަމަށް ވިދާޅުވެ އޭނާއަށް މަރުހަބާ ދަންނަވަމުންނެވެ. އަދި އޭނާގެ ބެެއްލެވުމުގެ ދަށުން ފުލުހުންގެ އިދާރާ ހަރުދަނާވެ ރައްޔިތުން އިތުބާރު ކުރާތަނަކަށް ދިވެހި ފުލުހުންގެ އިދާރާ ވެގެންދާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ހަމީދު ސީޕީގެ މަގާމަށް ޕްރޮމޯޓްކުރުމުގެ ކުރިން އޭނާ ހުންނެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެކްޓިން ސީޕީގެ މަގާމާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައެވެ.

ރައީސް ސޯލިހުގެ ފުރަތަމަ ސީޕީ ހަމީދަކީ، 2012 ވަނަ އަހަރު ފުލުހުންގެ އިންޓެލިޖެންސްގެ އިސްވެރިޔާގެ މަގާމުގައި ހުންނަވަނީކޮށް، ސިއްރު މައުލޫމާތުތަކެއް ލީކުކުރި ކަމުގެ ތުހުމަތުގައި ފުލުހުންގެ ވަޒީފާއިން ވަކިކުރެއްވި ބޭފުޅެކެވެ. އެއިރު އޭނާ ހުންނެވީ ޗީފް ސްޕްރިންޓެންޑެންޓްގެ ރޭންކުގައެވެ. ނަމަވެސް އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ނުކުރެއެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން އޭނާއަށް އަލުން ފުލުހުންގެ ވަޒީފާ ދިނުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކޯޓުން ހުކުމް ކުރިއެވެ.