އެމްޑީޕީގެ ކެންޑިޑޭޓުންގެ ޖަގަހަތައް ހަލާކު ކުރިޔަސް، އެކަން ކުރަނީ ކޮންބެއްކަން އެނގުނަސް ސަޕޯޓަރުން ރައްދު ނުދިމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި މައްޗަންގޯޅި ދެކުނު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް އަހުމަދު ހައިތަމްގެ ޖަގަހަ އަށް ރޭ ދިން ހަމަލާތަކާއި ގުޅިގެންނެވެ. އެގޮތުން އޭނާގެ ޖަގަހައިގެ ބިއްލޫރިގަނޑު ތަޅާލައި، އެ ހިސާބުގައި ދަމާފައި ހުރި ބެނާތައް ނައްޓާލާފައިވެއެވެ.

މީގެ އިތުރުން މިމަހު އަށްވަނަ ދުވަހު އެމްޑީޕީގެ ޓިކެޓުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރާ މީކާއިލް އަހްމަދު ނަސީމުގެ ޖަގަހައަށް ވެސް ގެއްލުން ދީ، މަރުގެ އިންޒާރު ދީފައިވާކަމަށް އެމްޑީޕީން ބުނެއެވެ. އެގޮތުން އޭނާ ހަރުކޮށްފައި ބިލްބޯޑުތަކާއި ބެނާތައް ހަލާކުކޮށް ޖަގަހައިގެ ބިއްލޫރިގަނޑު ތަޅާލާފައިވެއެވެ.

ރައްޔިތުންގެ މަޖިލީސް 2019 ގެ އިންތިހާބާބެހޭ ގަވާއިދުގެ 21 ވަނަ މާއްދާގައިވާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑުގައި ވަނީ ޖަގަހަފަދަ ތަންތަނުގެ އިންތިޒާމު ނަގައިލުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކުރާނަމަ، އެ ފަރާތަކާމެދު އަމިއްލައަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އެކަން ހައްލުކުރަން މަސައްކަތްކުރަންވާނީ ކަމާބެހޭ ފަރާތެއް މެދުވެރިކޮށްކަމަށެވެ.