މާލޭގެ އެމްއޭ ސާވިސަސް ކޮމްޕްލީޓް ޑައިވިން ސޮލިއުޝަން ފިހާރައިން 13،500 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ، މިހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 8:30 ހާއިރެވެ. މިފިހާރައިން 13،500 އަށްވުރެ ގިނަ ދިވެހި ރުފިޔާގެ އިތުރުން 2600 އަށް ވުރެ ގިނަ ޑޮލަރު ވަގަށް ނަގާފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައެއް ނުވެއެވެ.

ވައްކަން ކުރުމާއި ފޭރުން މިފަހަކަށް އައިސް ގިނަވަމުން އަންނަ ކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން އިއްޔެ ރ.އުނގޫފާރުން ތިޖޫރީއެއް ވަގަށް ނަގާފައިވެއެވެ. މި ތިޖޫރީގައި 5 ލައްކަ އަށްވުރެ ގިނަ ދިވެހި ފައިސާ އަދި ކޮންމެވެސް ވަރަކަށް ޑޮލަރު ހުރިކަމަށްވެއެވެ. މި ތިޖޫރީ ވަނީ ފައިސާއާއި އެކު ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.