ސްޕާކްހަބް އާއި ދިރާގު ގުޅިގެން ޒުވާން ވިޔަފާރިވެރިންނަށް އަމާޒުކޮށް ބޭއްވި ދެވަނަ ސްޓާޓަޕް ގްރައިންޑް އިވެންޓްގައި އައިސީޓީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި ކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގު މައި އޮފީހުގައި އިއްޔެ ބޭއްވި "ސްޓާޓް އަޕް ގްރައިންޑް އެކްސް މާލެ" ގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ އެ ދާއިރާއަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ތެރެއިން އެހީތެރިވާން އެންމެ ބޭނުންވާ އެއް ދާއިރާ ކަމަށެވެ.
މި އިވެންޓުގައި މައުލޫމާތު ދީފައި ވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ މައިބަންޕް ކުންފުނީގެ ކޯފައުންޑަރު އަދި ސީއީއޯ ދަނީޝް އާތިފެވެ. ދަނީޝްގެ ވާހަކައިގައި ބޮޑަށް އަލިއަޅުވާލާފައި ވަނީ "އެޑްޓެކް" އެއް ފަށައިގަތުމަށާއި ފޯކަސް ގެއްލުވާނުލާ ކުރިއަށް ދިއުމަށް ވިސްނާލަންޖެހޭ މުހިއްމު ކަންތައްތަކުގެ މައްޗަށެވެ.
ދަނީޝް ވިދާޅުވީ ކޮންމެ މީހަކަށް ވެސް ތަފާތު މޮޅެތި ހިޔާލު އަންނާނެ ކަމަށެވެ. ބައެއް މީހުން އައިސް "މައިބަންޕް" އާ ދާދި އެއްގޮތް ހިޔާލުތަކެއް ގެންގުޅުނިން ކަމަށް އެމީހުން ބުނި ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު އޭގައި މުހިއްމީ ރަނގަޅު ހިޔާލުތައް އެކަނި ނޫންކަމަށާއި އެ ހިޔާލުތައް ވުޖޫދަށް ގެނެސް ބޭނުން ކުރަން އެނގުން ކަމަށް ދަނީޝް ވިދާޅުވިއެވެ.
"މުހިއްމީ ރަނގަޅު އައިޑިއާއެއް ނޫން. މުހިއްމީ ރަނގަޅު އެގްޒެކިއުޝަނެއް އަދި ބިޒްނަސްއަށް ގިނަ ކަސްޓަމަރުން ހޯދުން" ދަނީޝް ވިދާޅުވިއެވެ.
މައިބަންޕަކީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ތަފާތު ވަސީލަތްތައް މެދުވެރިކޮށް ކާމިޔާބު ކަމާއެކު މާކެޓިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކުންފުންޏެވެ. އެގޮތުން ރާއްޖޭގެ މަޓާޓޯ އާއި ގުޅިގެން މެލޭޝިއާގައި ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ހަރަކާތެއް ވެސް އެ ކުންފުނިން ކުރިއަށް ގެންގޮސްފައިވެއެވެ.
"ސްޓާޓް އަޕް ގްރައިންޑް" އަކީ ތައުލީމީ ފަރާތްތަކާއި އަލަށް ވިޔަފާރިތައް ނުކުންނަ ފަރާތްތަކާއި އިންވެސްޓަރުން ހިމެނޭ ގޮތަށް ކުރިއަށް ގެންދާ އެންމެ ބޮޑު ސްޓާޓް އަޕް ކޮމިއުނިޓީއެވެ. ދިރާގުން ސްޓާޓް އަޕް ގްރައިންޑް އިވެންޓު ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.