ފެނަކަ ކޯޕަރޭޝަން ހިންގެވުމާ ހަވާލުވެވަޑައިގެންނެވި ފަހުން، މިހާތަނަށް، 53 މުވައްޒަފުން ވަޒީފާއިން ވަކި ކޮށްފައި ވާނެ ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މެމްބަރުން މިއަދު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަހްމަދު ވިދާޅުވީ، ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ތެރެއިން 11 މުވައްޒަފުންނަކީ ކުންފުނީގެ މުދަލާއި ފައިސާ އަށް ހިޔާނަތްތެރި ވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މުވައްޒަފުން ކަމަށެވެ. އިތުރު މުވައްޒަފުންނަކީ، އޮފީހަށް ހާޒިރު ނުވާތީ، އިސްލާހީ ފިޔަވަޅުތައް އެޅުމަށް ފަހު ވަޒީފާއިން ވަކި ކޮށްފައިވާ މުވައްޒަފުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަހްމަދު ވިދާޅުވި ގޮތުގައި، އޭނާ އެކުންފުންޏާ ހަވާލުވި ފަހުން، 14 ރީޖަނަލް އޮފީހެއް އުވާލާފައި ވާނެއެވެ. އަދި އެ އޮފީސް ތަކުގައި ވަޒީފާ އަދާ ކުރަމުން ދިޔަ 84 މުވައްޒަފުންގެ ތެރެއިން 14 މުވައްޒަފަކު ވަޒީފާއިން ވަކި ކޮށްފައި ވާކަމަށާއި، އޭގެ ތެރެއިން 70 މުވައްޒަފުން މިހާރު ވެސް ވަޒީފާ އަދާ ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަހްމަދު ވިދާޅުވީ، މުވައްޒަފަކު ވަޒީފާއިން ވަކި ކުރާނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށާއި، ސިޔާސީ ބޭނުމަކަށްޓަކައި އެއްވެސް މީހަކު ވަޒީފާއިން ވަކި ކޮށްފައި ނުވާނެ ކަމަށެވެ.

އަހްމަދު މިހެން ވިދާޅުވެފައި ވާއިރު، ސަރުކާރަށް ތާއީދު ނުކުރާ، ގިނަ އަދަދެއްގެ މުވައްޒަފުން، ފެނަކަ ކޯޕަރޭޝަނުގެ ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށް އިދިކޮޅު ޕީޕީއެމްގެ މަޖިލީސް މެންބަރުން ވަނީ ތުހުމަތު ކުރައްވާފައެވެ.