ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އަނބިކަނބަލުން އާއިޝަތު ލީޝާ، ސަރުކާރުގެ މަތީ މަގާމަކަށް އައްޔަން ކޮށްފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ލީގަލް ކައުންސިލުން ލީޝާއަށް ދީފައިވަނީ ޑެޕިއުޓީ މިނިސްޓަރުންގެ ފަންތީގެ މަގާމެއް ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ވެއެވެ. އޭނާ މަގާމަށް އައްޔަނު ކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

މިހާރުވެސް ލީޝާގެ އިތުރުން އެ މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ ހަ ބޭފުޅުން މަސައްކަތް ކުރައްވަމުން އެބަ ގެންދަވައެވެ.

ސަރުކާރުގެ ކޮންމެ ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެހެނިހެން އިނާޔަތްތަކާ އެކު މަހަކު 30،500 ރުފިޔާ ލިބިވަޑައިގަންނަވައެވެ.

މީގެ ކުރިން އެމްޑީޕީގެ ޓިކެޓުގައި، ކުޅުދުއްފުށީ ދެކުނު ދާއިރާއަށް، ލީޝާ ވާދަ ކުރައްވާފައިވެއެވެ. އެކަމަކު އެ އިންތިހާބުގައި ލީޝާ ވަނީ ނާކާމިޔާބުވެ ވަޑައިގެންފައެވެ.