ހަތިޔާރު އަޅައިގެން ތިބި ބަޔަކު ނިއުޒީލެންޑްގެ ކްރިސްޓްޗާޗު އަވަށުގައި ހުންނަ ދެ މިސްކިތަަށް ވަދެ އެތައް ބަޔަކު މަރާލައިފިއެވެ. މި އަވަށަކީ ދިވެހިންވެސް ދިރިއުޅޭ އަވަށެކެވެ. މިހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ވީކަމުގެ މައުލޫމަތެއް އަދި ނުލިބެއެވެ.

ދިވެހިރާއްޖޭ ފޮރިން މިނސިްޓްރީން ވަނީ މި ހާދިސާ ކުށްވެރިކޮށްފައެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުންނާއި އެކި ފަރާތްތަކުން މިހަމަލާ ދަނީ ކުށްވެރި ކުރަމުންނެވެ.

ނިއުޒީލެންޑުގެ ރަސްމީ ފަރާތްތަކުން ބުނެފައިވާގޮތުގައި ކްރިސްޓްޗާޗުގެ އަލް ނޫރު މިސްކިތަށް ހަމަލާ ދިން އިރު އެތަނުގައި ގިނަ ބަޔަކު ތިއްބެވެ.

މިހާދިސާގައި މަރުވެފައިވަނީ ކިހާ މީހުނެއް ކަމެއް އަދި ނޭނގެއެވެ.

ބަޑި ޖަހަން ފެށުމުން ގިނަ ބަޔަކު ވަނީ ސަލާމަތް ވުމަށް މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްގެ ކްރިކެޓް ޓީމެއްވެސް ހިމެނެއެވެ. ބަންގްލާދޭޝްގެ މީހަކު ވަނީ އެގައުމުގެ ޓީމު ހަރަކާތްތެރިވާ ވީޑިއޯ ފްޓޭޖެއްވެސް އާންމު ކޮށްފައެވެ.

ބޭރުގެ ހަބަރު ފަތުރާ އިދާރާތާކުން ބުނާ ގޮތުގައި ހަމަލާ ދިން މީހުން ވަނީ "މުސްލިމުންނާ ދެކޮޅު އަދި ރަށްވެހި ވުމާ ދެކޮޅު" ޝިއާރުގެ ހިމަނައިގެން 87 ސޮފްހާގެ މެނިފެންސްޓޯއެއް އާންމު ކޮށްފައެވެ.

މިހަމާލާ ދިން މީހުން ލައިވް ސްޓްރީމް ކޮށްފައި ވާ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް އެސްބީއެސް ނިއުސްގައި އާންމުކޮށްފައި ވެއެވެ. އެ ޝޮޓުންފ ފެންނަ ގޮތުގައި ބަޑި ހިފައިގެން ހުންނަ މީހާ މިސްކިތާ ދިމާއަށް ބަޑި އަމާޒުކޮށްގެން ހުރެއެވެ.

ކްރިސްޓްޗާޗްގައި ހުންނަ އަލް ނޫރު މިސްކިތާއި ލިންވްޑް މިސްކިތް ދައްކައިދޭ ޗާޓެއް

ޕޮލިސް ކޮމިޝަނާ މައިކް ބުޝް ވިދާޅުވީ ހަމަލާއާ ގުޅިގެން 4 މީހުން ހައްޔަރު ކޮށްފައި ވީ ނަމަވެސް އަދި މަޝްރަހު އަމާންވީ ކަމަށް ނުބައްލަވާ ކަމަށެވެ. އަދި މިއާއެކު ގިނަ މިސްކިތްތަކަކާ، ސްކޫލުތަކެއްވެސް ވަނީ ބަންދުކޮށްފައެވެ.