ދެދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަ ޖެހިއްޖެ އެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނީ ސުޝްމާ ރާއްޖެ ވަޑައިގަންނަވާނީ އަންނަ އާދީއްްތަ ދުވަހު ކަމަށެވެ.


ސުޝްމާގެ މިދަތުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމްގެ އިތުރުން ޚާރިޖީ ވަޒީރާއި ދައުލަތުގެ އެހެން ބައެއް ވަޒީރުންނާއި ބައްދަލުކުރައްވައި، ތަފާތު އެކި ދާއިރާތަކުން ދެގައުމުގެ ގުޅުންތައް ފުޅާ ދާއިރާއެއްގައި ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަ ޖެހިފައެވެ.

އަދި މިދަތުރުގައި ދެޤައުމުގެ ދެމެދު ކުރިއަށް އޮތްތަނުގައި އެކުލަވާލާނެ އެއްބަސްވުންތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ސަރުކާރުގެ މެދުގައި އެކުލަވާލެވުނު އެއްބަސްވުންތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިިސްޓްރީން ބުނެއެވެ.

ސުޝްމާ ރާއްޖެއަށް މި ކުރައްވާ ދަތުރަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.