އިތިއޮޕިއާގެ ވެރިރަށް އެޑިސް އަބަބާއިން ފުރައިގެން ކެންޔާގެ ނައިރޯބީއަށް ދަތުރުކުރަމުން ދިޔަ އިތިއޮޕިއާ އެއާލައިންސް ފްލައިޓް އީޓީ307 ވެއްޓި، އެއިން ދަތުރުކުރި އެންމެން މަރުވެއްޖެއެވެ.

އެޑިސް އަބަބާއިން އުދުއްސާލިތާ މާ ގިނައިރެއް ނުވެ ވެއްޓުނު މަތިންދާ ބޯޓުން 149 ފަސެންޖަރުންނާއި ކުރޫގެ ގޮތުގައި އަށް މީހަކު ދަތުރުކުރަމުން ދިޔައިރު މި އެންމެންނަކީ 33 ގައުމަކަށް ނިސްބަތްވާ މީހުންކަމަށް މައުލޫމާތު ލިބެއެވެ.

އިތިއޮޕިއާއިން އުދުއްސާލިތާ ހަވަރަކަށް މިނެޓް ތެރޭގައި ބޯޓު ވެއްޓެން ދިމާވި ސަބަބެއް އަދި ކަށަވަރުވާ ގޮތެއް ނުވެއެވެ. މަންޒަރު ދުށް މީހަކު ބުނީ ބޯޓު އައިސް ބިމުގައި ޖެހުނު ވަގުތު ވަރުގަދަ ގޮވުމެއް ގޮވާ، ބޮޑު އަލިފާންގަނޑެއް އަރައިގެން ދިޔަ ކަމަށެވެ.

ވެއްޓިފައިވަނީ އުދުހުމުގައި ބޭނުންކުރާތާ އަހަރެއްވެސް ނުވާ ބޮއިންގް 737 މެކްސް-8 މަރުކާގެ މަތިންދާބޯޓެކެވެ. މެކްސް-8 މަރުކާގެ ބޯޓުތައް ތައާރަފުކޮށްފައިވަނީވެސް 2016 ވަނަ އަހަރުގެ ތެރޭގައި ކަމަށްވާއިރު، ވެއްޓުނު މަތިންދާބޯޓު ބޭނުން ކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ހަމަ މި މޮޑެލްގެ މަތިންދާބޯޓެއް، މީގެ ފަސް ވަރަކަށް މަސްދުވަސް ކުރިން އިންޑޮނޭޝިއާގައި ވެސް ވަނީ ވެއްޓިފައެވެ. ޖަވާ ކަނޑަށް ވެއްޓުނު އެ ބޯޓުން ދަތުރުކުރި ހުރިހާ އެންމެންވެސް ވަނީ މަރުވެފައެވެ.

އިތިއޮޕިއަން އެއާލައިންސްއަކީ ވައިގެ އުދުހުންތަކުގެ ރެކޯޑަށް ބަލާއިރު، ޖުމުލަ ގޮތެއްގައި ރައްކާތެރި އެއާލައިނެކެވެ. މި އެއާލައިނަކީ އެފްރިކާ ބައްރުގައި އެންމެ މަގުބޫލު އެއް އެއާލައިންވެސްމެއެވެ.