ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ރައީސް ޔާމީނުގެ ފިކުރަށް ތާއީދު ކުރަން ނިންމި ނަމަވެސް އެ ފިކުރާއެކު ވަޑައި ނުގަންނަވާނެ ކަމަށް އެޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ ޕްރޮގްރެސިވް ކޯލިޝަނުން މަޖިލީހަށް ނުކުންނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ތާއީދު ކުރައްވާނެ ކަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ރޭ އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ.

އަލީ ވަހީދަކީ ޔާމީނު ސަރުކާރު ފެށުމާއެކު އަމިއްލައަށް އަރުވާލެއްވިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމާއެކު ރާއްޖެއިން ބޭރުގައި އެތައް ދުވަހަކު އުޅުއްވި ބޭފުޅެކެވެ. އަދި މާލެ ވަޑައިގެން ޖޭޕީގެ ސްލޮޓުގައި ޓޫރިޒަމް މިނިސްޓަރުކަން ލިބިވަޑައި ގަތެވެ.

އަލީ ވަހީދު ވިދާޅުވީ އޭނާ ﷲ ގަންދީ ހުވާ ކުރައްވައިގެން ހުންނެވީ ދިވެހި ރައްޔިތުންނަށާ ގައުމަށާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އިހުލާސްތެރިވެ ވަޑައިގަތުމަށެވެ. އަދި އެމްޑީޕީއާއި އިސްލާހީ މަސައްކަތުގައި ގުރުބާންވި ޖެޕީ، އޭޕީ އަދި އެމްއާރުއެމްގެ މީހުން ދޫކޮށް ޕްރޮގްރެސިވް ކޯލިޝަނުގެ ފިކުރާއެކު ވަޑައި ނުގަންނަވާނެކަމަށެވެ. އަދި ސަރުކާރު ދިފާއު ކުރެއްވުމުގައި ސާބިތުވެ ހުންނަވާނެ ކަމަށްވެސް ވިދާޅުވެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަނާ އެކީގައި މަސައްކަތް ނުކުރެވި މިހާރު ވަނީ ރޫޅިފައެވެ. އަދި ޖޭޕީން ނިންމާފައި ވަނީ އެޕާޓީން ވާދަ ކުރާ 32 ދާއިރާއެއް ފިޔަވާ ޕްރޮގްރެސިވް ކޯލިޝަންގެ 32 ކެންޑިޑޭޓަކަށާއި އެމްޑީއޭގެ 4 ކެންޑިޑޭޓަކަށް ތާއީދު ކުރުމަށެވެ. ހަމަ އެގޮތަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ޖޭޕީން ވާދަ ކުރާ 51 ކެންޑިޑޭޓުންގެ ތެރެއިން 36 ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް ނިންމާފައެވެ.