ގޭތެރޭގެ މަސައްކަތްތައް ކޮށް އުޅޭ ހާދިމާއިން ނުވަތަ މެއިޑުންގެ ގޮތުގައި ސްރީލަންކާގެ އަންހެނުން، ބޭރުގެ ގައުމުތަކަށް ފޮނުވަން ބޭނުންފުޅުނުވާކަމަށް ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ވިދާޅުވެއްޖެއެވެ.

ސިރިސޭނާ ވިދާޅުވީ، މުއްސަނދިންނާއި ސަރުކާރުގެ އިސް އޮފިޝަލުންގެ އިތުރުން ސިޔާސީ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ފަރާތްތަކުން އުޅުއްވަމުން ގެންދަވާ އަގުބޮޑު ދިރިއުޅުއްވުމަކީ، ގައުމުން ބޭރަށް "ގުލާނުކުރަން" ދާ މީހުން ހޯދާ ބޭރު ފައިސާ ހޯދާ މުއްސަނދި ކަމެއް ކަމަށާއި، ޒާތީ ނަޒަރަކުން ދެކެވަޑައިގަންނަވާއިރު އެއީ އެމަނިކުފާނު ރުހިވަޑައިގަންނަވާ ގޮތެއް ނޫންކަމަށެވެ.

މަސައްކަތްތެރިންގެ ގޮތުގައި ބޭރު ގައުމުތަކަށް ދާ ރައްޔިތުންނަކީ ގައުމަށް ބޭރު ފައިސާ އެތެރެވާން އޮތް އެންމެ ތަނަވަސް މަގު ކަމުގައި ވީނަމަވެސް، އެގޮތަށް މަސައްކަތު ދާ މީހުން އުފުއްލާ ތަކުލީފުތަކާއި އުޅެންޖެހިފައިވާ ދަތިހާލަކީ އެމަނިކުފާނަށް ގަބޫލުފުޅުކުރެއްވޭނެ ކަމެއް ނޫންކަމަށްވެސް ސިރިސޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މިފަދަ މޭރުމަކުން ސިރިސޭނާ ވާހަކަފުޅު ދައްކަވާފައި މިވަނީ، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ސްރީލަންކާގައި ކުރިއަށްގެންދިޔަ އިވެންޓެއްގައެވެ.

ގޭތެރެގެ މަސައްކަތުގައި ސްރީލަންކާގެ މެއިޑުން ގެންގުޅޭ މިންވަރު މި ފަހަކަށް އައިސް، ދުނިޔޭގެ އެކި ހިސާބުތަކުގައި ދަނީ އިތުރުވަމުންނެވެ.