މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން "އުޖާލާ ދިރިއުޅުން" ނަމުގައި މުދާ ގަނެވޭނެ އާ ހިދުމަތެއް މިއަދު ތައާރަފު ކޮށްފިއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި އެމްއައިބީއިން މިއަދު ބޭއްވި ހަފްލާގައި 'އުޖާލާ ދިރިއުޅުން' ގެ ނަމުގައި މުދާ ގަނެވޭނެ އާ ހިދުމަތެއް އިފްތިތާހުކޮށްދެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތަޝާމް އަބްދުލް މުހައިމަން އާއި އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހެވެ.

'އުޖާލާ ދިރިއުޅުން' ގެ ހިދުމަތް މެދުވެރިކޮށް މުދާ ގަނެވެނީ އިސްޓޯލްމަންޓަށް ފައިސާ ދައްކާގޮތަށެވެ. އަދި މި ހިދުމަތަށް އެދި ރަޖިސްޓްރީ ކުރެވޭނީ އުމުރުން 20 އަހަރާއި 60 އަހަރާ ދެމެދުގެ ދިވެހި ރައްޔިތުންނަށް ވެފައި އެމްއައިބީން ގަބޫލުކުރާ ތަނެއްގައި މަދުވެގެން ހަ މަސް ދުވަސްވަންދެން ވަޒީފާ އަދާކުރަމުން އަންނަ މީހުންނަށް ނުވަތަ އެ ބޭންކުގެ އެކައުންޓަކަށް ހަ މަސް ދުވަހު މުސާރަ ޖަމާކޮށްފައިވާ މީހުންނަށް ކަމަށް އެ ބޭންކުން ބުނެއެވެ. އަދި އެއީ މުސާރައިގެ ގޮތުގައި މަހަކު 6،000 ރުފިޔާ ވުރެ ދަށް ނޫން އަދަދެއް ލިބޭ ފަރާތަކަށްވެސް ވާންޖެހެއެވެ.

އެމްއައިބީން ބުނީ މި ހިދުމަތަށް ރަޖިސްޓަރީ ވާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ފަރުނީޗަރު، ފޯނާއި އެހެނިހެން އިލެކްޓްރޯނިކްސް ސާމާނު، އައުޓްބޯޑު އިންޖީނު، އިމާރާތްކުރުމަށް ގެންގުޅޭ ތަކެތީގެ އިތުރުން ސޯލާ ޕެނަލް ވެސް ގަނެވޭނެ ކަމަށެވެ.

އެމްއައިބީއިން މިއަދު ތައާރަފްކުރި ހިދުމަތް މެދުވެރިކޮށް ނަގާ މުދާތަކަށް ފައިސާ ދައްކައި ނިންމަން ޖެހެނީ ތިން އަހަރު ދުވަހުގެ ތެރޭގައި ކަމަށާއި ކިތަންމެ ގިނަ މުދަލެއް ގަތް ނަމަވެސް ރަހުނެއް ބަހައްޓާކަށް ނުޖެހެން ކަމަށްވެސް އެފަރާތުން ބުނެއެވެ.

އޭގެއިތުރުން ބޭންކުން މުދާތައް ވިއްކާނީ އެމްއައިބީން ގަބޫލްކުރާ ފިހާރައަކުން ކޯޓޭޝަނެއް ގެންދިއުމުން ކަމަށާއި އެފަދަ ތަނަކުން މުދާ ވިއްކާނީ އެމްއައިބީއަށް މުދާ ގަންނަން ލިބޭ އަގުގެ ތެރެއަށް ފައިދާއެއް ލުމަށް ފަހުގައި ކަމަށްވެސް ވެއެވެ.

ސެކިއުރިޓީ ޑިޕޮސިޓެއް ނުވަތަ އެޑްވާންސް ޕޭމަންތެއް ދައްކަން ނުޖެހޭ 'އުޖާލާ ދިރިއުޅުން' ހިދުމަތުގެ ދަށުން 25،000 ރުފިޔާ އާއި 250،000 ރުފިޔާގެ މުދާ ގަނެވޭނެ ލިމިޓެއް ކަނޑައަޅާފައިވެއެވެ. އެ މީހަކަށް މުދާ ނެގޭ މިންވަރު ކަނޑައަޅާފައި ވަނީ އެ ހިދުމަތަށް އެދޭ ފަރާތަށް ލިބޭ މުސާރައަކަށް ބިނާކޮށެވެ. މި ލިބޭ ލިމިޓު ބޭނުންކުރުމުގެ މުއްދަތަކީ ބާރަމަހެވެ.