ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތަކާއި ގުޅުމަށް އިނގިރޭސިވިލާތް ދޫކޮށް، 2015 ވަނަ އަހަރު ސޫރިޔާއަށް ހިޖުރަކުރި ޝަމީމާ ބޭގަމް އެންމެ ފަހުން ވިހޭ ފިރިހެން ދަރިފުޅު މަރުވެއްޖެއެވެ.

ސޫރިޔާ ދޫކޮށް މިހާރު އިނގިރޭސިވިލާތަށް އެތެރެވާން ބޭނުންވާކަން ހާމަކޮށްފައިވާ ޝަމީމާ ބޭގަމް އެންމެ ފަހުން ވިހޭ ދަރިފުޅު މަރުވިކަން ހާމަކޮށްފައިވަނީ ސީރިއަން ޑިމޮކްރަޓިކް ފޯސަސްގެ ތަރުޖަމާނެކެވެ. ޝަމީމާ މިވަގުތު ދިރިއުޅެމުންދަނީ ސީރިއަން ޑިމޮކްރަޓިކް ފޯސަސް އިން ހިންގާ ރެފިއުޖީ ކޭމްޕެއްގައެވެ.

މަރުގެ ސެޓްފިކެޓް ބުނާ ގޮތުގައި ޝަމީމާގެ 3 ހަފުތާވެސް ނުވާ ދަރިފުޅު މަރުވެފައިވަނީ ނިއުމޯނިއާ ޖެހިގެންނެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުގެ ފަރާތުން ވާހަކަދެއްކި ތަރުޖަމާނަކު ވިދާޅުވީ، ކޮންމެ ކުއްޖަކު މަރުވެ ދިއުމަކީ ބޮޑު ކާރިސާއެއް ކަމަށާއި، އެ ކަމަކީ އެ އާއިލާއަކަށް ލިބޭނެ ބޮޑު ހިތާމައެއް ކަމަށެވެ. އަދި އިނގިރޭސިން ސޫރިޔާއަށް ދަތުރު ނުކުރުމަށް އިލްތިމާސް ކުރަމުންދާކަމަށާއި، ޓެރަރިޒަމްގެ ތެރެއަށް މީހުން ވަންނަމުންދާ ދިއުން ހުއްޓުވުމަށް ކުރެވެން އޮތްހާ ކަމެއް ކުރަމުން އަންނަ ކަމަށްވެސް ސަރުކާރުގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

2 އެކުވެރިއަކާއިއެކު ސޫރިޔާއަށް ދިޔަ ޝަމީމާ ބޭގަމް، ސޫރިޔާގެ ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅެމުންދާ ކަމުގެ މައުލުމާތު ބައިނަލްއަގުވާމީ މީޑިއާއަށް ތިލަވީ މިދިޔަ ފެބުރުވަރީ މަހުގެ މެދެއްހާ ހިސާބުގައެވެ. އަނބުރާ އިނގިރޭސިވިލާތަށް ދިއުމަށް ޝަމީމާ ބޭނުންވި ނަމަވެސް، އިނގިރޭސިވިލާތުން މިހާރު ވަނީ އޭނާގެ ރަށްވެހިކަން ބާތިލުކޮށްފައެވެ.

ޝަމީމާ ބޭގަމް ކައިވެނީގެ ގޮތުން ގުޅުނީ ސޫރިޔާގައި ހަރަކާތްތެރިވި އައިސިސް ޖަމާއަތުގައި ހިމެނުނު ނެދަލަންޑްސްގެ ހަނގުރާމަވެރިއަކާއިއެވެ. އޭނާ މިވަގުތު ހުރީ ޖަލު ބަންދުގައި ކަމަށްވާއިރު، ދަރިފުޅު މަރުވި ޚަބަރު އޭނާއަށް ފޯރުކޮށްދީފައިވާކަމަށް މައުލޫމާތު ލިބެއެވެ.