ޓެނިހުގެ ދުނިޔޭގައި ރަނިކަން ކުރި ވީނަސްއާއި ސެރީނާގެ ބައްޕަ ރިޗަޑް ވިލިއަމްސްގެ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދާ ޕްރޮޑަކްޝަންއެއްގައި ރިޗަޑްގެ ރޯލު އަދާކުރާނީ ވިލް ސްމިތްކަމަށް ޚަބަރު ފެތުރުމާއިއެކު އޭނާގެ ހަމުގެ ކުލަ މާ ދޮން ކަމަށް ގިނަ ބަޔަކު ބުނަން ފަށައިފިއެވެ.

މި މަސައްކަތުގައި ރިޗަޑް ވިލިއަމްސް ރޯލުން ފެނިގެންދާނީ ވިލް ސްމިތްކަން އަދި ވިލް ސްމިތްވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް މި ރޯލަށް ވިލް ސްމިތް ހަމަޖެއްސުމަކީ އެންމެ ރަނގަޅު ނިންމުން ނޫންކަމަށް ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ. އެއީ ފަހަރެއްގައިވެސް އޭނާގެ ހުނަރުވެރިކަން ނެތީމާ ނޫންކަމަށާ، ނަމަވެސް ވިލް ސްމިތްގެ ހަމުގެ ކުލައަކީ މާ އަނދިރި ކުލައަކަށް ނުވުމުން ކަމަށްވެސް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ހޮލީވުޑްގައި މަސައްކަތްކުރާ ކަޅު ނަސްލުގެ މީހުންގެ ތެރެއިން ހަމުގެ ކުލަ އަނދިރި މީހުންނާއި އަލި މީހުންނާއި ދެމެދު ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް ކުރެވޭ ބަހުސަށް އަދިވެސް ނިމުމެއް އައިސްފައެއް ނުވެއެވެ. އެމެރިކާއަކީ ހަމުގެ ކުލައަށް ބަލައިގެން ވަޒީފާ ދީ އުޅުމުގެ ސަގާފަތެއް އޮތް ގައުމެކެވެ.