ސްރީލަންކާގެ ދާހިލީ ހަނގުރާމައާއި ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި އެގައުމުގައި މިހާރު ހުރި މައްސަލަތައް ހައްލުކުރުމަށް، ބޭރުގެ ފަރާތްތަކުގެ ނުފޫޒެއް ނެތި ވަގުތުކޮޅެއް ބޭނުންވާކަމަށް ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ވިދާޅުވެއްޖެއެވެ.

މިފަދަ މޭރުމަކުން ސިރިސެނާ ވާހަކަފުޅު ދައްކަވާފައި މިވަނީ، ސްރީލަންކާގެ ދާހިލީ ހަނގުރާމާގައި ތަމަޅައިންނާއި ދެކޮޅަށް ހިންގާފައިވާކަމަށް ބުނާ ޖަރީމާތަކުގެ މައްސަލަތައް ހައްލުކުރުމާ ބެހޭ ގޮތުން އިންސާނީ ހައްގުތަކާ ބެހޭ އދގެ ކައުންސިލް ޔޫ.އެން.އެޗް.ސީ.އާރްއަށް ސްރީލަންކާއިން ވެފައިވާ ވައުދުތައް ފުއްދުމަށް އަދި އިތުރު ވަގުތު ބޭނުންވާކަން ހާމަކުރައްވަމުންނެވެ.

ކަންމިހެން އޮތްއިރު، ސުވިޓްޒަލަންޑްގެ ވެރިރަށް ޖެނީވާގައި ކުރިއަށްދާ ޔޫ.އެން.އެޗް.ސީ.އާރްގެ ބައްދަލުވުމުގައި ސްރީލަންކާއާ ދެކޮޅަށް ފެންމަތިކުރަމުންދާ ތުހުމަތުތަކަށް ރައްދު ދީ، އެކަންކަމަށް ޖަވާބުދާރީވުމަށް ސްރީލަންކާގެ ވަފުދެއް އެ ބައްދަލުވުންތަކުގައި ބައިވެރިވާނެ ކަމަށްވެސް ސިރިސޭނާ ވަނީ ވިދާޅުވެފައެވެ.

37 އަހަރަށްފަހު، 2009 ވަނަ އަހަރުގެ މެއި މަހު ސްރީލަންކާގެ ދާހިލީ ހަނގުރާމަ ނިންމާލިއިރު، ހަނގުރާމައިގެ އެންމެ ދުވަސްވަރު ހިންގި ޖަރީމާތަކުގައި ތަމަޅައިންގެ 40000އެއްހާ މީހުން މަރާލިކަމުގެ ތުހުމަތުތައް ސްރީލަންކާގެ ސަރުކާރަށްވާގިދޭ އަސްކަރިއްޔާގެ މައްޗަށް ދަނީ ކުރަމުންނެވެ.

2015 ވަނަ އަހަރުގެ ޖަނަވަރީ މަހު ސްރީލަންކާގެ ރިޔާސަތާއި ހަވާލުވެވަޑައިގެންނެވި ސިރިސޭނާ ވަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގި ފަރާތްތައް ޖަވާބުދާރީ ކުރައްވާނެ ކަމަށް ވައުދުވެވަޑައިގަންނެފައެވެ. ނަމަވެސް މިހާރު ސިރިސޭނާގެ ރާގު ބަދަލުވެފައިވާކަމަށް މުރާސިލުން ބުނެއެވެ. ތަމަޅައިން ދަނީ އިންސާނީ ހައްގުތަކާއި ބެހޭ އދގެ ކައުންސިލްގެ އޮފީހެއް ސްރީލަންކާގައި ގާއިމުކޮށް، ސަރުކާރުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވިލަރެސް ކުރުމަށް ގޮވާލަމުންނެވެ.