ގައުމިއްޔަތު ދިރުވުމުގެ އާ ރޫހެއްގައި ޖެހިފައިވާ އިންޑިއާގެ ގައުމީ އެއާލައިން، "އެއާ އިންޑިއާ"ގެ ހުރިހާ ދަތުރުތަކެއް ނިންމާއިރު "ޖައި ހިންދު" ނުވަތަ އުފަންފަސްގަނޑަށް ސެލިއުޓްކުރަމޭ ބުނުމަށް، ކްރޫއިންނަށް މަޖުބޫރުކޮށްފިއެވެ.

މިއާއެކު ގިނަ ބަޔަކު ވަނީ އިންޑިއާއަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. އެގޮތުން އެންމެން "ޖައި ހިންދު" އޭ ގޮވެނީ ކޮން ފަސެންޖަރަކަށްތޯ ބެލުމަށް މުބާރާތްތައް ބާއްވަންވީނުންތޯއާއި، ވައިގެ ތެރޭގައި ބޯޓަށް އަރަމުންދާ ލޮޅުންތަކުގެ އިންޒާރު ދިނުމަށްފަހުގައި ވެސް "ޖައި ހިންދު" ގޮވަންވީނުންތޯ ގިނަ ބަޔަކު ވަނީ ޖޯކެއްގެ ގޮތުގައި ކިޔާފައެވެ.

އެއާ އިންޑިއާ އޮޕަރޭޓް ކުންފުނިން އިރުޝާދު ދީފައިވާ ގޮތުގައި "ޖައި ހިންދު"އޭ ކިޔަންވީ ފްލައިޓްގެ ދަތުރު ނިންމާލުމަށްފަހު، އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު، އަޑަށް ލެވުނު ޖޯޝީ ބާރެއްލައިގެންނެވެ.

ގައުމިއްޔަތު ދިރުވުމުގެ ނަމުގައިކަމަށްވިއަސް، ބަނގުރޫޓުވެފައި އެއާލައިނަކުން މިވަގުތު ވިސްނަންވީ މިފަދަ ކަމެއް ކުރުމަށްތޯ ނޫނީ އެއަށްވުރެ މުހިންމު އެހެން ކަންކަން ކުރުމަށްތޯ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ސުވާލު އުފައްދަމުންނެވެ.

އެއާ އިންޑިއާގެ ދަތުރުތައް ދުނިޔޭގެ އެކި މަންޒިލްތަކަށް ކުރާއިރު، ބައިނަލްއަގުވާމީ އިން ހުރަސްކޮށް އެހެން ގައުމެއްގައި ފަސްގަނޑުގައި ބޯޓު ޖެއްސުމަށްފަހު "ޖައި ހިންދު"އޭ ގޮވާއިރު، އޭގައި ޑިޕްލޮމެޓިކް ގޮތުން ފުށޫއެރުންތަކެއް ނެތްތޯވެސް ސުވާލުކުރެވެއެވެ.

2007 ވަނަ އަހަރުން ފެށިގެން ވިޔަފާރީގެ އެއްވެސް ފައިދާއެއް އެއާ އިންޑިއާއަށް ލިބިފައިނުވާއިރު، އެއާ އިންޑިއާ ވިއްކާލުމާށް އިންޑިއާ ސަރުކާރުން މިހާތަނަށް ކުރި މަސައްކަތްތައްވެސް ކާމިޔާބުވާ ގޮތް އަދި އޮތީ ނުވެފައެވެ.