އެއްގަމު އުޅަނދު ފަހަރުގައި ހުރުމަށް ލާޒިމުކުރާ ގާނޫނީ މިންގަނޑުތަކަށް ފެތޭ ގޮތަށް އުފައްދާފައިވާ، ދުނިޔޭގެ އެންމެ ދުވެލި ބާރު ކާރު ދައްކާލައިފިއެވެ.

ފެރާރީއާއި ލަމްބޯގިނީ ފަދަ މަޝްހޫރު ބްރޭންޑްތައް ފަހަތަށް ޖައްސާލުމަށްފަހު އިޓަލީވިލާތުން ތައާރަފުކުރި މި ކާރަށް ކިޔަނީ ޕިނިންފަރީނާ ބަޓިސްޓާއެވެ.

ޖެނީވާ މޮޓޯ ޝޯގައި ދައްކާލި ދެ މިލިއަން ޑޮލަރުގެ މި ކާރަކީ މުޅިންވެސް ކަރަންޓު ބޭނުންކޮށްގެން އޮޕަރޭޓްކުރާ ކާރެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި ކާރު އުފެއްދި އޮޓޯމޮބީލީ ޕިނިންފަރީނާ އިން ބުނާ ގޮތުގައި މި ކާރަކީ އެންމެ ލަސްވެގެން ދެ ސިކުންތު ތެރޭގައި ގަޑިއަކު 62 މޭލު ބާރު މިނުގައި ދުއްވާލެވޭނެ ކާރެކެވެ. އަދި 12 ސިކުންތުގެ ތެރޭގައި ގަޑިއަކު 186 މޭލު ބާރުމިނުގައި މިކާރު ދުއްވޭނެކަމަށްވެއެވެ. އެންމެ ބާރުދުއްވެއްޔަކީ ގަޑިއަކު 250 މޭލުގެ ބާރުމިން ކަމަށްވާއިރު، އެއް ފަހަރު ޗާޖުކޮށްގެން 280 މޭލަށް ދުއްވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

ޕިނިންފަރީނާ ބަޓިސްޓާ ކާރު އުފެއްދި ޕިނިންފަރީނާ ކުންފުނީގެ ބޮޑު ހިއްސާއެއް ގަނެފައިވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ މަހިންދްރާ ގުރޫޕުންނެވެ.