ދެކުނު އޭޝިއާ ސަރަހައްދުގައި އަމަން އަމަންކަމާ ސުލްހަ މަސަލަސްކަން ގާއިމު ކުރެވޭނީ ޕާކިސްތާނުން ޓެރަރިޒަމާމެދު ގެންގުޅޭ ސިޔާސަތު ބަދަލުކޮށްގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ސަރަހައްދުގެ އަމާންކަން ކަށަވަރުވާނީ ޕާކިސްތާނުން ޓެރަރިޒަމާ ދުރުހެލިވުމުން ކަމަށާއި، އެގައުމުގެ ސަރަހައްދީ އިމުގެ ތެރޭގައި ހަރަކާތްތެރިވަމުންދާ ޓެރަރިސްޓު ޖަމާއަތްތަކާ މެދު ފިޔަވަޅު އެޅުމުން ކަމަށެވެ.

ނަޝީދު މިއަދު މިހެން ވިދާޅުވެފައި މިވަނީ، ޖައްމު ކަޝްމީރުގެ ޕުލްވަމާގައި ފޯރި މަރަމުން ދިޔަ އިންޑިއާގެ ސެންޓްރަލް ރިޒާވް ޕޮލިސް ފޯސް (ސީއާރްޕީއެފް)އަށް މިދިޔަ ފެބްރުއަރި މަހުގެ 14ވަނަ ދުވަހު ޕާކިސްތާނުގެ ހަތިޔާރުއެޅި ބަޔަކު ދިން ހަމަލާއަށްފަހު، އިންޑިއާއާއި ޕާކިސްތާނުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިޔާގެ 34 ސިފައިން މަރުވި މިހާދިސާއާ ގުޅިގެން، މީގެ ކުރިންވެސް ނަޝީދުވަނީ، ޓެރަރިޒަމްގެ އެ އަމަލު ކުށްވެރިކޮށް ޓުވީޓެއް ކުރައްވަފައެވެ.

މީގެ އިތުރުން، އިންޑިޔާ ޕާކިސްތާނުގެ ހަމަނުޖެހުމާ ގުޅިގެން، ދެގައުމުން ވާހަކަދައްކައިގެން މައްސަލަ ހައްލު ކުރުމަށް ދިވެހި ސަރުކާރުންވެސް ވަނީ ގޮވާލާފައެވެ.