އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ހިއްސާ އަކަށް 3.22 ރުފިޔާ ބަހަން އެ ކުންފުނިން ނިންމައިފިއެވެ.

އުރީދޫ މޯލްޑިވްސް އިން ހިއްސާއަށް ޖެހޭ އަގު ފާސްކުރީ ހިއްސާދާރުންނާއެކު އެ ކުންފުނިން ރޭ ދަރުބާރުގޭގައި ބޭއްވި އަހަރީ އާންމު ޖަލްސާގައެވެ. މި ޖަލްސާގައި ވޭތުވެދިޔަ އަހަރުގެ ޔައުމިއްޔާ ފާސްކުރުމާއި މާލީ ހިސާބުތަކާއި އޯޑިޓަރުންގެ ރިޕޯޓު ފާސްކުރުމުގެ އިތުރުން ވޭތުވެދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސް ކުރުމާއި މިއަހަރަށް އޯޑިޓަރުން އައްޔަނުކޮށް އުޖޫރަ ކަނޑައެޅުމާއި ފާސްކުރުމުގެ ހަފްލާގެ ތެރެއިންނެވެ.

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން / ފޮޓޯ: ހުސައިން މަޚްތޫމް | ދަޕްރެސް

އުރީދޫގެ މި އަހަރުގެ އާންމު ޖަލްސާގައި ޑިރެކްޓަރުންގެ ގޮތުގައި ޑރ. އޭ ހާމިދް މޯޑް އޭ މަރާފީ، ޗީފް އެގްޒެކެޓިވް އޮފިސާ ނަޖީބް ޚާން، އިއަން ގްރާން ފެންޓަން، ޚާލިދު ޙަސަން އެމް އޭ އަލްއަހްމާދީ، ދީނާ ޙުސެއިން، އަޙުމަދު ޒުހޫރް، އަދި ޗީފް ފައިނޭންސިން އޮފިސާ ތައުބަދަން ކޫބަލަސިންގަމް ބައިވެރިވެފައިވެއެވެ.

ރޭގެ ޖަލްސާގައި، އުރީދޫއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާ އަކަށް 3.22 ރުފިޔާ ބަހަން ފާސްކޮށްފައި ވާއިރު މިދިޔަ އަހަރު ހޮޓެލްޖެންގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި 2017 ވަނަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 3.20 ރުފިޔާ ބަހަން ވަނީ ފާސްކޮށްފައެވެ.

މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 545 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެެތެރެއިން ހިއްސާގެ ގޮތުގައި ބަހަން ނިންމާފައި ވަނީ ފައިދާގެ 88 އިންސައްތައެވެ.

ރޭގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ 109 ހިއްސާ ދާރުންނާއި 48 ޕްރޮކްސީ އެވެ. މިއީ އުރީދޫ މޯލްޑިވްސް ގެ ހިއްސާ ދާރުންގެ 90.9 އިންސައްތައެވެ.

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން / ފޮޓޯ: ހުސައިން މަޚްތޫމް | ދަޕްރެސް

އުރީދޫ މޯލްޑިވްސް ވުޖޫދަށް އައިސްފައި ވަނީ 2005 ވަނަ އަހަރުގެ އޯގަސްޓު މަހުގެ އެއްވަނަ ދުވަހު ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ވުޖޫދަށް އައިސް ފައިވާ އުރީދޫ ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި، އުރީދޫ މޯލްޑިވްސް ޕްބްލިކް ލިމިޓެޑް ކޮމްޕެނީގެ ނަމުގައި، ރަޖިސްޓާ ކުރެވިފަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހެވެ.

އުރީދޫގެ ހިއްސާގެ ތެރެއިން އާންމުން ހިއްސާ ވަނީ އެކުންފުނީގެ ޖުމްލަ ހިއްސާގެ 9.5 ޕަސެންޓް ހިއްސާ އެވެ. ބާކީ 90.5 ޕަސެންޓަކީ އުރީދޫގެ މައި ކުންފުނި، ވަތަނިއްޔާ އިންޓަނޭޝަނަލްގެ ހިއްސާއެވެ.

ހިއްސާގެ ފައިދާ ފާސްކުރުމުގެ އިތުރުން ރޭގެ ޖަލްސާގައި ވަނީ 2018 ވަނަ އަހަރުގެ މާލީ ރިޕޯޓް ތަކާއި އޮޑިޓް ރިޕޯޓު އަދި 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވެސް ފާސްކޮށްފައެވެ. އޭގެ އިތުރުން އުރީދޫ އޮޑިޓް ކުރާނެ ފާމެއްގެ ގޮތުގައި ޖަލްސާގެ ހިއްސާދާރުންގެ ތާއީދާ އެކު ހަމަޖައްސާފައި ވަނީ ކޭޕީއެމްޖީއެވެ. އެ ފާމްއަކީ މީގެ ކުރީ އަހަރުގައި ވެސް އުރީދޫ އޮޑިޓް ކުރުމުގައި މަސައްކަތް ކޮށްފައިވާ ކުންފުންޏެވެ. އުރީދޫ އޮޑިޓް ކުރުމުގެ ފީގެ ގޮތުގައި ކޭޕީއެމްޖީން މި އަހަރު ނަގަނީ 56،750 ޑޮލަރެވެ.