އދ ދިގުރަށު ގެއެއްގެ ތެރޭގައި ހުރި ހަރުގެއެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގަފައި ވާކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ.

ފުލުހުން ބުނީ ހަރުގޭގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމަތު ފުލުހުންނަށް ލިބުނީ މިރޭ އިރާކޮޅު 19:04 ހާއިރު ކަމަށެވެ. މިހާދިސާގައި 66 އަހަރުގެ ފިރިހެނަކަށް އަނިޔާވެ، ދިގުރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދާކަމަށްވެސް ފުލުހުން މައުލޫމަތު ދެއެވެ.

މީގެ އިތުރުން އަލިފާނުގެ ހާދިސާ ހިނގި އިރު ހަރުގޭގައި ހުރި ކުޑަ ދޯންޏެއްގައި އަލިފާން ރޯވެފައި ވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. އަދި ހަރުގެ ކައިރީގައި ހުރި ރުކެއްވެސް ވަރަށްބޮޑަށް އަނދާފައި ވާކަމަށް އެއިދާރާއިން ބުނެއެވެ.

ފުލުހުން އިތުރަށް މައުލޫމާތު ދިން ގޮތުގައި، އެރަށުގައި ހަރަކާތްތެރިވާ ފުލުހުންނާއި، ރަށު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން މިހާރުވަނީ އަލިފާންގަނޑު ނިއްވާލާފައެވެ.

މިއަދު ހަވީރު އައްޑޫ ސިޓީ ހިތަދޫގެ މަސް ފެކްޓަރީއެއްގައިވެސް އަލިފާނުގެ ހާދިސައެއް ހިނގާފައިވެއެވެ. އެކަމަކު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.