ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުދި ވިޔަފާރިތަކަށް ފަހިވާ ގޮތަށް ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ހުޅުވާލައިފައިވާ އިރު އެ ހިދުމަތުގެ ބައެއް ފީތައް ކަނޑާލައިފިއެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ސެޓަޕް ފީ އާއި މަހަކު އެއްފަހަރު ދައްކަން ޖެހޭ މެއިންޓެނަންސް ފީ ނުނަގާ ގޮތަށް ބީއެމްއެލުން ވަނީ ހަމަޖައްސާފައެވެ. އޭގެ އިތުރުން ސެކިއުރިޓީ ޑިޕޮސިޓެއް ބެހެއްޓުމަކާ ނުލައި މި ހިދުމަތް ހޯދޭނެ ގޮތްތަކެއް ވެސް ބީއެމްއެލް އިން ވަނީ ކަނޑައަޅާފައެވެ.

މި ބަދަލަކީ ވޭތުވެދިޔަ ދިގު މުއްދަތުގައި ބީއެމްއެލް އިން ކުދި ވިޔަފާރިތަކާ އޮތް ގާތް ގުޅުމާއި، އެ ވިޔަފާރިތަކަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ބަދަލެއް ކަމަށް ބީއެމްއެލުން ބުނެއެވެ.

ގައުމީ ބޭންކުން ނެރުނު ނޫސް ބަޔާނުގައި، އެ ބޭންކްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓާ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ އީކޮމާސްގެ ހިދުމަތް ރާއްޖޭގަައި ވެސް ދަނީ ވަރަށް ހަލުވިކަމާއެކު ކުރިއަރަމުން ކަމަށާއި، މިވަގުތު ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ހޯދާ 112 މާޗަންޓުން ތިބިއިރު ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް 1.5 މިލިއަން ޓްރާންސެކްޝަން ހަދާފައިވާ ކަމަށެވެ.

އޭގެ އިތުރުން ޝަރީފް ވިދާޅުވީ، ގިނަ އަދަދެއްގެ ކުދި ވިޔަފާރިތަކުންނާއި އަލަށް ވިޔަފާރި ފަށައިގަންނަ ފަރާތްތަކުން އެދެމުން އައީ ވީހާވެސް ލުއިފަސޭހަކޮށް ޕޭމަންޓް ގޭޓްވޭ ހިދުމަތް އެ ފަރާތްތަކަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް ކަމަށާއި ބޭންކުގެ ކަސްޓަމަރުން ދެއްވި ހިޔާލާ އެއްގޮތަށް މި ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އަދި އަޅުގަނޑުގެ އުއްމީދަކީ މި ބަދަލުގެ ސަބަބުން މި ހިދުމަތް ހޯދާ ވިޔަފާރިތަކަށް ކުރިއެރުން ލިބި، އަދި އީކޮމާސްގެ ހިދުމަތް ރާއްޖޭގައި އިތުރަށް ފުޅާވެގެން ދިއުން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޒަމާނީ ޓެކްނޮލޮޖީއާއެކު މިއަދު ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ޕޭމަންޓް ގޭޓްވޭގެ އިތުރުން ވަރަށް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ބޭންކިންގެ ހިދުމަތް ދެމުންނެވެ. މީގެ ތެރޭގައި އިންޓަނެޓް، މޮބައިލް ބޭންކިން އަދި ޑިޖިޓަލް ވޮލެޓްގެ ހިދުމަތްވެސް ހިމެނެއެވެ.

ބޭންކުގެ ޑިޖިޓަލް ބޭންކިން ވަސީލަތްތައް ބޭނުންކޮށްގެން މިދިޔަ އަހަރު 40 މިލިއަނަށް ވުރެ ގިނަ މުއާމަލާތްކޮށްފައި ވެއެވެ. މިއީ މުޅި ބޭންކް މެދުވެރިކޮށް ހިންގޭ މުއާމަލާތްތަކުގެ 90 އިންސައްތައަށް ވުރެ ބޮޑު އަދަދެކެވެ.