ބޮޑެތި މީހުން ދުވާލަކު 3 ގަޑިއިރާއި 30 މިނެޓަށްވުރެ އިތުރަށް ޓީވީ ބަލާނަމަ، ދުވަސްވަމުން ދާ ވަރަކަށް ހަނދާން ބަލިވުމުގެ ފުރުސަތު އެބައޮތް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އުމުރުން 50 އަހަރުން މަތީގެ 3500 މީހުން ބައިވެރިކޮށްގެން 6 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ދިރާސާގެ ނަތީޖާ ދައްކާ ގޮތުން، ޓީވީ ބަލާ މީހުންގެ ހަނދާން ބަލިވާ މިންވަރު، އެ އުމުރުގެ އެހެން މީހުންނާއި އަޅާ ބަލާއިރު ދެގުނަ ހަލުތްވެވެ.

ހަނދާން ބަލިވުމަކީ އުމުރުން ދުވަސްވާވަރަކަށް ގުދުރަތީ ގޮތުންވެސް މެދުވެރިވާ ކަމެކެވެ.

ނަމަވެސް، ޔުނިވާސިޓީ ކޮލެޖު ލަންޑަންގެ ދިރާސާ ބުނާ ގޮތުން ޓީވީ ބަލާނަމަ މި މަރުހަލާގެ ދުވެލި އަވަސްވެއެވެ.

މިކަން މިހެން ދިމާވަނީ ކީއްވެކަމެއް ނުވަތަ ޓީވީއާއި މިކަމާއި އޮތް ގުޅުން އަދި މާ ސާފު ނުވި ނަމަވެސް، މާ ގިނައިން ޓީވީ ބަލާނަމަ ހަނދާން ބަލިވާ މިންވަރު އިތުރުވަނީ ހެލިފެލިވެ ކަސްރަތުކުރުމާއި، އެކިކަހަލަ އެއްޗިހި ކިއާ އުޅުން މަދުވުމުންކަމަށް ބެލެވޭ ކަމަށް ދިރާސާ ޓީމުން ވަނީ ފާހަގަކޮށްފައެވެ.

ސައިންޓިފިކް ރިޕޯޓްސްގައި އާންމުކޮށްފައިވާ ދިރާސާ ބުނާ ގޮތުގައި، ދުވާލެއްގެ މައްޗަށް 3 ގަޑިއިރާއި 30 މިނެޓަށްވުރެ އިތުރަށް ޓީވީ ބަލާމުން، އެމީހުންގެ ހަނދާނުގެ މައްޗަށް ބިނާކޮށް ވާހަކަ ދެއްކުމުގެ ގާބިލުކަން އެނޫން މީހުންނާއި އަޅާ ބަލާއިރު %8އައި %10 އާއި ދެމެދު މިންވަރަކަށް ބަލިކަށިކޮށްލައެވެ.

3 ގަޑިއިރާއި 30 މިނެޓަށްވުރެ މަދުން ޓީވީ ބަލާ މީހުންގެ މެދުގައި މި ނިސްބަތް އުޅެނީ %4 އާއި %5އާއި ދެމެދު މިންވަރެއްގައެވެ.

ޓީވީގެ ޒަރިއްޔާއިން މައުލޫމާތުގެ ހާޒާނާ މުއްސަނދިވީ ކަމުގައި ވީނަމަވެސް، ޖިސްމާނީ ހަރަކާތްތައް އިތުރުކުރުން ބުއްދިވެރިކަމަށް ކަމާއި ބެހޭ ތަޖުރިބާކާރުން އިރުޝާދުއެވެ.