ޕާކިސްތާނުން ވައިގެ މަގުން ކަޝްމީރުގެ އިންޑިއާފަޅިއަށް މިއަދު ދިން ހަމަލާތަކަށްފަހު، އިންޑިއާގެ އެއާފޯސްއިން ޕާކިސްތާނުގެ ވައިގެ ސަރަހައްދުތަކަށް ވަދެފައި ވާކަމަށް ޕާކިސްތާނު ހަނގުރާމަވެރިންގެ ސްޕޯކްސްމޭން މޭޖާ ޖެނެރަލް އާސިފް ޣަފޫރާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.

ޕާކިސްތާނުންބުނީ ޕާކިސްތާނު ފަޅިއަށް ވެއްޓުނު އިންޑިއާގެ ހަނގުރާމަމަތީ މަތިންދާބޯޓުގައި އިން ދެޕައިލެޓުން ޕާކިސްތާނުން ހައްޔަރުކޮށްފައިވާކަމަށެވެ. އިންޑިއާއިން ފުރަތަމަ އެކަން ދޮގުކުރި ކަމުގައިވިޔަސް، ފަހުން އިންޑިޔާގެ ފޮރިން މިނިސްޓްރީއިން ވަނީ އިންޑިޔާގެ ޕައިލެޓަކު ގެއްލިފައިވާކަން ކަށަވަރުކޮށްދީފައެވެ.

މިހަމާލާތަކާ ގުޅިގެން އިންޑިޔާގެ ޖަންމޫ-ކަޝްމީރާއި، ޕާންޖާބު އަދި ހިމާޗަލް ޕްރަދޭޝްގެ އެއާޕޯޓުތައްވަނީ ބަންދުކޮށްފައެެވެ. އެއީ އަމްރިތުސަރު، ޖައްމޫ، ސްރީނަގަރު، ކުއްލު-މަނާލީ، ކަންގްރާ، ޝިލްމާ އަދި ޕަތަންކޮޓް އެއާޕޯޓެވެ.

ޕާކިސްތާނުގެ ބައެއް އެއާޕޯޓުތައްވެސް މިހާރު ބަންދުކޮށްފައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު ޕާކިސްތާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން މިކަން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އެކަމަކު ލާހޯރުގެ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައެއް ފުލައިޓުތައް ކެންސަލުކޮށް ޑިލޭ ކޮށްފައިވާކަމަށް، އެއެއާޕޯޓުގެ ވެބްސައިޓުގައި ބުނެފައިވެއެވެ.