ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދުވާލެއްގެ މައްޗަށް ބޭނުންކުރި ފްލައިޓުގެ އަދަދު މި މަހުގެ 24 ވަނަ ދުވަހު އިތުރުވެފައި ވާއިރި 93 އިންޓާނޭޝަނަލް ފްލައިޓް ޖައްސާފައިވެއެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ މި މަހުގެ 24 ވަނަ ދުވަހު މައި އެއާޕޯޓްގެ ރަންވޭގައި 219 މޫވްމަންޓް ރެކޯޑު ކުރެވިފައިވާ ކަމަށެވެ. މީގެތޭގައި ހިމެނެނީ 93 އިންޓަނޭޝަނަލް ފްލައިޓާއި ޑޮމެސްޓިކް 111 މޫވްމަންޓް ރެކޯޑެވެ.

މައި އެއާޕޯޓުގެ ރަންވޭގައި އެންމެ ގިނަ އަދަދަކަށް މިހާތަނަށް މޫވްމަންޓް ރެކޯޑު ކުރެވިފައި އޮތީ މި އަހަރުގެ ޖެނުއަރީ ހަ ވަނަ ދުވަހެވެ. އެ ދުވަހު ރަންވޭ މޫވްމަންޓް އުޅެނީ 214 ގައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ  އޭޕްރަންގައި ޕާކްކޮށްފައިވާ ޕްލައިޓައް / ފޮޓޯ: އެމްއޭސީއެލް

ޓޫރިސްޓް ސީޒަނާ ދިމާކޮށް މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހު 110 އިންޓަނޭޝަނަލް ފްލައިޓް އަދި 102
ޑޮމެސްޓިކް ފްލައިޓް ޖައްސާފައިވެއެވެ. އޭގެއިތުރުން 531 ސީޕްލޭން މޫވްމެންޓް ރެކޯޑް ކުރެވިފައި ވެއެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ގިނައިން ސީޕްލޭން ރެކޯޑް ކުރެވިފައިވާ 517 މޫވްމެންޓާ އަޅާބަލާއިރު ތިން ޕަސެންޓުގެ އިތުރުވުމެކެވެ.

މައި އެއާޕޯޓް ބޭނުންކުރާ ފްލައިޓުގެ އަދަދު އިތުރުވެގެން ގޮސްފައިވާއިރު، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު 1.4 މިލިއަން މީހުން ރާއްޖެއަށް ޒިޔާރަތް ކުރިއެވެ.

މިއަހަރުގެ ޓުއަރިސްޓުން ޒިޔާރަތްކުރި އަދަދަށް ބަލާލާއިރު މިދިޔަ މަހު އެމެރިކާ އިން 7،239 ޓޫރިސްޓުން ޒިޔާރަތްކޮށްފައިފައި ވެއެވެ. އަދި މެދުއިރުމަތިން 4،200 ޓޫރިސްޓުން ރާއްޖެ އައި އިރު އެފްރިކާ ސަރަހައްދުން 1،453 ޓޫރިސްޓުން އައިސްފައި ވެއެވެ.