މުޖްތަމައުގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ގެއްލޭ ފަދަ، ހަރުކަށި އަމަލުތަކަށް ހިތްވަރު ދިނުމަކީ، އެއްވެސް ބައެއްގެ މަސްލަހަތު ހުރި ގޮތެއް ނޫންކަމަށާއި، އެހެންކަމުން ހަރުކަށިކަން އިސްނުކުރުމަށާއި، ގައުމުގެ ހަމަޖެހުން ނަގައިނުލުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ "ދަ ނޭޝަނަލް ހައި ލެވެލް ޑައިލޮގް އޮން ޕްރޮމޯޓިން ޕީސް އެންޑް ސެކިއުރިޓީ" ގެ ނަމުގައި މިއަދު ހޮޓެލް ޖެންގައި ކުރިއަށްދާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެންމެންވެސް އެދެނީ، ސުލްހަ މަސަލަސްކަމާއެކު ހަމަޖެހިގެން ދިރިއުޅެން ކަމަށާއި، ސަރުކާރުން ކުރާ ކޮންމެ ކަމަކުން ހާސިލް ކުރަން ބޭނުންވާ ނަތީޖާއަކީވެސް، ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ހާސިލްކޮށްދިނުން ކަމުގައެވެ.

"އަމާންކަމާއި ހަމަޖެހުމުގެ ނިދީގައި ޣާފިލުވެފައި ތިއްބައި، ފަރުދާގެ ފުރަގަހުގައި އެތައް ނުރައްކާތަކެއް އަންނަނީ އުފެދެމުން. އިސްލާމީ ސައްހަ އަގީދާގެ މަތީގައި، ދަރީން ތަރުބިއްޔަތުކުރުމުގައި އިހުމާލުވުމުގެ ސަބަބުން، ދިވެހީންގެ ތެރޭގައި އުފެދިގެން ނުވާނޭ ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދެން ފަށާފައި" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މީގެ ނަތީޖާ ބައްދަލުކުރާ އެއް ގޮތަކީ، ސައްހަ އިސްލާމީ މަފްހޫމް އެއްފަރާތްކޮށް، ހަރުކަށި ވިސްނުމަށް ލެނބިގެން ދިޔުންކަމަށެވެ. އަދި އަނެއް ގޮތަކީ، ކަމުގެ ނުރައްކާތެރިކަމާ މެދު ވިސްނާލުމެއް ނެތި، އިސްލާމް ދީނަށް ކުޑައިމީސް ކުރެވޭ ފަދަ ހިޔާލުތައް ފާޅުކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ޒުވާނުންގެ ފިކުރަކީ ގައުމު ބިނާކޮށްދޭ ފިކުރަކަށް ހެދުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި، ޒުވާނުންނާ މެދު މި ސަރުކާރުގެ ފުރަތަމަ އަމާޒަކީ، ރަނގަޅު ތައުލީމީ ޒުވާން ޖީލެއް ބިނާކުރުމުގައި ތައުލީމީ މަރުހަލާތައް ފުރިހަމަ ކުރަމުން އަންނަ އިރު، ކޮންމެ ޒުވާނަކީވެސް އިސްލާމީ ސައްހަ އަގީދާގެ މަތީގައި ތަރުބިއްޔަތުވާ، ހުލްގު ހެޔޮ ޒުވާނަކަށް ހެދުންކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ހަރުކަށި ފިކުރުތަކަށް ތަބާވެ، އެކި ގައުމުތަކުގެ ދާހިލީ ހަނގުރާމަތަކުގައި ބައެއް ދިވެހީން ބައިވެރިވެ، ޓެރަރިޒަމްގެ އަމަލުތައް ހިންގަމުން ދާކަމީ، މުޅި ދިވެހި މުޖްތަމައަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށާއި، މިއީ ރާއްޖޭގެ ދާހިލީ ހަމަޖެހުމާއި ސުލްހައަށް، އަދި މުޅި ގައުމުގެ އިގްތިސާދަށް ވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ ތަނެއްގައި ހަނގުރާމައެއް ހިނގަމުން ނުދާ ކޮންމެ ތަނަކީ، ސުލްހަ ގާއިމްވެފައި އޮތް ތަނެއް ކަމަށް ގަބޫލުކުރެވިފައި ވީނަމަވެސް ހަގީގީ ސުލްހައަކީ، އެތަނެއްގެ ރައްޔިތުންގެ މެދުގައި އުފެދިފައި އޮންނަ، އޯގާތެރިކަމާއި ލޯތްބާއި ހަމްދަރުދީކަމުގައެވެ.

"ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި، ސަލާމަތީ ބާރުތަކާއި ކައުންޓަ ޓެރަރިޒަމް ސެންޓާ ގުޅިގެން މަސައްކަތް ކުރަމުން މި އަންނަނީ، ރައްޔިތުންނަށް އުފާވެރި ސުލްހަވެރި ދިރިއުޅުމެއް ހޯދައިދިނުމަށް. އެހެންކަމުން، މި ރާއްޖޭގެ ކޮންމެ ޖަޒީރާއަކީ، ތިމާގެ އަމިއްލަ އަމާނާތެއް ކަމަށް ދެކި، އެ އަމާނާތަށް ވަފާތެރި ތެދުވެރި ބަޔަކު ކަމުގައި އަޅުގަނޑުމެން ވަމާތޯ!" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދޭދޭ ފަރުދުންގެ ދެމެދުގައި ސުލްހަވެރިކަން ގާއިމު ނުކޮށް، އެހެން ބައެއްގެ ފަރާތުން ހޯދޭނެ ސުލްހައެއް ނޯންނާނެ ކަމަށެވެ. އަދި ދާހިލީ ހަނގުރާމަތައް ހިނގަމުންދާ ތަންތަނުން ފެންނަމުން އެ ދަނީ މި ދެންނެވި ހަގީގަތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.