އާ ޑިޒައިނަރުންނާއި ބްރައިޑަލް ވިޔަފާރީގައި އުޅޭ ހުނަރުވެރި ފަރާތްތަކަށް އެ ހުނަރު އިޝްތިހާރުކޮށް މާކެޓް ކުރުމަށް ބާއްވާ "ބްރައިޑް ފެއާ 2019" ގެ ޕްރޮމޯއެއް ރޭ ބާއްވައިފިއެވެ.

ލިކަމެކް އިން އިންތިޒާމްކޮށްގެން ބްރައިޑް މޯޅްޑިވްސްގެ "ޓްރެޑިޝަނަލް ރަންވޭ" ގެ ނަމުގައި ބްރައިޑް ފެއާގެ ޕްރޮމޯ ރޭ ބާއްވާފައިވަނީ ބްރިޖް ވިއު ޕްލެޓްފޯމްގައެވެ. ރޭ 9:30 ގައި ބޭއްވި މި ރަންވޭގައި ވަނީ ދިވެހި ސަގާފީ ހެދުންތައް ދަކުވާލާފައެވެ. މި ހަފްލާ އިތުރަށް ފުރިހަމަ ކޮށްދިނުމަށްޓަކައި "1438 ބޮޑުބެރު" ގްރޫޕުގެ ފޯރިގަދަ ހަރަކާތްތަކެއް ދައްކުވާލާފައިވަނީ އެ އިވެންޓްގެ ތީމާ ގުޅުވާލާފައެވެ.

  / ފޮޓޯ: ބްރައިޑް މޯލްޑިވްސް ބްރައިޑް ފެއާ 2019 ގެ ޕްރޮމޯގައި ސަގާފީ ހެދުން ދައްކާލުމަށް ބޭއްވި ޓްރެޑިޝަނަލް ރަންވޭގެ ތެރެއިން

"ދަޕްރެސް" އަށް މައުލޫމާތު ދެމުން ބްރައިޑް މޯލްޑިވްސް އިން ބުނީ، އަންނަ އޭޕްރީލް މަހުގެ 11 އިން 13 އަށް ދަރުބާރުގޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ފެއާގައި ބްރައިޑަލް ވިޔަފާރިއާ ގުޅުން ހުރި 22 ސްޓޯލެއް މިފަހަރު ހުންނާނެ ކަމަށެވެ. އަދި މިއަހަރުގެ ފެއާގައި އެކި ޑިޒައިނަރުން ބައިވެރިވާއިރު އެ ޑިޒައިނަރުން ފަރުމާކޮށްފައިވާ އެކި ވައްތަރުގެ ހެދުންތައް ދައްކާލުމަށް ކޮންމެ ރެއަކު ހާއްސަ ފެޝަން ޝޯއެއް ބާއްވުމަށްވެސް ވަނީ ހަމަޖައްސާފައެވެ.

2010 އިން ފެށިގެން ބްރައިޑް މޯލްޑިވްސް އިން ބާއްވާ ބްރައިޑް ފެއާގެ މިއަހަރު ބޭއްވުމަށް ހަމަޖެހިފައި މިވަނީ 10 ވަނަ ފެއާއެވެ.