90 ވަނަ އޮސްކާ އެވޯޑްސް ހަފުލާ ހޯމަ ދުވަހުގެ ހެނދުނު ނިމިގެންދިޔައިރު، މިފަހަރުގެ އެވޯޑް ހަފުލާއަކީވެސް އާދަޔާ ހިލާފު ތަފާތު ހެދުންތަކެއް ރެޑްކާޕެޓުމަތިން ފެނިގެންދިޔަ ހަފުލާއެކެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ފަންނުވެރިން، އެންމެ ފުންނާބު އުސް ފަރުމާކުރުންތެރިންގެ އުފެއްދުންތަކުގައި ހަފުލާގެ މުނާސަބާ އިތުރަށް ގަދަކޮށްދޭއިރު، ރެޑްކާޕެޓުން ފެންނަ ބައެއް ހެދުންތަކުގެ ސަބަބުން ހޫނު ބަހުސްތަކަކަށްވެސް ފުރުސަތު ހުޅިވިގެންދެއެވެ.

ލޮސް އެންޖަލީސްގައި ކުރިއަށްދިޔަ އޮސްކާ އެވޯޑްސް ހަފުލާއަށް ބަލާއިރު އެންމެ އާދަޔާ ހިލާފު ފަރުމާއެއްގައި ފެނިގެންދިޔައީ "ކިންކީ ބޫޓްސް"ގައި އޭނާ އަދާކޮށްދީފައިވާ ރޯލުން ޓޯނީއާއި ގްރެމީ އެވޯޑްވެސް ހާސިލުކޮށްފައިވާ އެކްޓާ ބިލީ ޕޯޓާ ލައިގެން ހުރީ "ޓަކްސީޑޯ ގައުން"އެވެ.

ހާއްސަ ހަފުލާތަކުގައި ފިރިހެނުން ބޭނުންކުރާ ޓަކްސެއްގެ ގޮތަށް އަދި ތިރީބައި އަންހެނުންލާކަހަލަ "ފުއްޕި" ހެދުމެއް ގޮތަށް ތައްޔާރުކޮށްފައިވާ މި "ޓަކްސީޑޯ ގައުން"އަކީ އެމެރިކާގެ ފެޝަން މުބާރާތް "ޕްރޮޖެކްޓް ރަންވޭ" ކާމިޔާބު ކުރި އެންމެ ހަގު ފަންނުވެރިޔާ ކްރިސްޓިއަން ސިރިއާނޯގެ ފަރުމާއެކެވެ.

އޮސްކާ އެވޯޑް ހަފުލާތަކުން ފެންނަ ފަރުމާތަކަކީ އިސާހިތަކު ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރިގެން އަންނަ ފެޝަނަކަށްވާއިރު، މުސްލިމުންގެ ގޮތުގައި ތިބިހައި ހިނދަކު ވިސްނާލަންޖެހޭ ކަމެއްވެސް އެބައޮތެވެ. އެގޮތުން އަންހެނުން ފިރިހެނުންގެ ގޮތަށް، އަދި ފިރިހެނުން އަންހެނުންގެ ގޮތަށް ހެދުންއަޅާ ހެދުމަކީ އެއްވެސް ހާލެއްގައި، އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫންކަން ހަނދާނުގައި ބަހައްޓަންޖެހެއެވެ. ޒަމާނާއިއެކު އަންނަ ފެޝަންގެ އޮއެވަރުގައި ޖެހެވޭއިރު މިކަމަށް އޮންނަނީ ގިނަ ފަހަރު ސަމާލުކަން ނުދެވިއެވެ.

ބިލީ ޕޯޓާއަކީ އެއްޖިންސުން ކައިވެނިކޮށްގެން އުޅޭ މީހެކެވެ. ވީއިރު މިފަދަ ކަންކަމަށް ހިތްވަރު ލިބޭފަދަ އެންމެހާ ކަންކަމުން ދުރުވެ ތިބުން ބުއްދިވެރިއެވެ. ނޭނގި ނަމަވެސް މިފަދަ ރޯޅިއެއްގައި ޖެހި ދެދުނިޔެއިން ގެއްލި ނިމިދިއުމަކީ އެއްވެސް މީހަކު އެދޭނެ ގޮތެއް ނޫނެވެ.