މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިޔުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރްޕީ) އިން ބާއްވާ އެޗްއާރް އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.
އަންނަ މަހުގެ ހަތަރުވަނަ ދުވަހާއި ފަސްވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ނެޝަނަލް އެޗްއާރް ކޮންވެންޝަން އެންޑް އެކްސްޕޯ 2019ގެ އެއްބަސްވުުގައި އުރީދޫ އާއި އެމްއޭއެޗްއާރްޕީ ސޮއިކޮށްފައިވަނީ އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެމްއޭއެޗްއާރްޕީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ރައީސް ހުސެއިން އަފީފް އަދި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ހިއުމަން ރިސޯސް ޑައިރެކްޓާ މުހައްމަދު ޝާހިދެވެ. މި ރަސްމިއްޔާތުގައި އެމްއޭއެޗްއާރްޕީގެ އެކްޒެކެޓިވް ސެކްރެޓަރީ އަލީ އާދަމް އާއި އުރީދޫގެ ޑައިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެއިން ނިޔާޒު ބައިވެރިވެވަޑައިގަތެވެ.
މި އެއްބަސްވުމާ ބެހޭ ގޮތުން އުރީދޫގެ ޑައިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެއިން ވާހަކަ ދައްކަވަމުން ވިދާޅުވީ، މިފަދަ ދަނޑިވަޅެއްގައި، ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖޭގެ ހިއުމަން ރިސޯސް ވިއުގަ ބިނާކޮށް، ކުރިއެރުވުމަށްޓަކައި، ނެޝަނަލް އެޗްއާރް ކޮންވެންޝަން އެންޑް އެކްސްޕޯ ފަދަ ހަރަކާތްތައް ވަރަށްވެސް މުހިންމުކަމަށެވެ. ޓައިޓަލް ސްޕޮންސާގެ ގޮތުގައި މި އެކްސްޕޯ އަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ، އުރީދޫ މޯލްޑިވްސް އަށް ލިބޭ ހާއްސަ އުފަލެއް ކަމަށާއި އުއްމީދު ކުރަނީ، ނެޝަނަލް އެޗްއާރް ކޮންވެންޝަން އެންޑް އެކްސްޕޯގައި ބައިވެރިވާ އެންމެހާ އެޗްއާރްގެ ފަންނުވެރިންނަށް މިއީ ވަރަށް ވެސް ބޭނުންތެރި ތަޖުރިބާއަކަށް ވެގެންދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްއޭއެޗްއާރްޕީގެ ރައީސް، ހުސެން އަފީފް ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ނެޝަނަލް އެޗްއާރް ކޮންވެންޝަން އިންތިޒާމު ކުރުމުގައި، އުރީދޫ މޯލްޑިވްސް އާއި ބައިވެރިވެވުމަކީ އެ ކުންފުންޏަށް ލިބުނު ހާއްސަ އުފަލެއް ކަމަށެވެ. އަދި މިކަމަށް އުރީދޫ ހޮވާފައިވަނީ، ރާއްޖޭގައި މަސައްކަތް ކުރަން އެންމެ ފުރިހަމަ އެއް ކުންފުނީގެ ގޮތުގައި އޫރީދޫ ފާހަގަވެފައިވާތީ ކަމަށާއި، އެޗްއާރްގެ ދާއިރާ އިން އައު އުސްމިންތައް ޙާސިލްކޮށްފައިވުމާއިއެކު މި ޕާޓްނާޝިޕްގެ ސަބަބުން އެމްއޭއެޗްއާރްޕީ އަށް ވެސް ފައިދާކުރާނެ ކަމަށް ގަބޫލުކުރާތީ ކަމަށް އަފީފު ވިދާޅުވިއެވެ.
މިއެކްސްޕޯ އަކީ، ވޯލްޑް އެޗްއާރްޑީ ކޮންގްރެސް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަދި ޗާޓެޑް އިންސްޓިޓިއުޓް އޮފް ޕާސަނަލް މެނޭޖްމެންޓް އިން އެންޑޯސްކޮށްފައިވާ އެކްސްޕޯއެކެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް އެޗްއާރް އެކްސްޕޯ ބާއްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. މި އަހަރު ބާއްވާ އެކްސްޕޯގައި ރާއްޖޭ އަދި ރާއްޖޭން ބޭރުގެ އެޗްއާރް ޕްރޮފެޝަނަލުން މައުލޫމާތު ދެއްވާނެއެވެ.
މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 300 މީހުންނަށެވެ. އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް ހިޔުމަން ރިސޯސް އާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން އެހެނިހެން ދާއިރާތަކުގެ މައުލޫމާތު ވެސް ދޭނެ ކަމަށް އެމްއޭއެޗްއާރްޕީ އިން ބުނެއެވެ.