އާ ޑޮމެސްޓިކް އެއާލައިން "މަންޓާ އެއާ" ގެ ދަތުރުތައް ފެށުމުގެ ހުއްދަ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދިނުމާ އެކު، އެ އެއާލައިންގެ ދަތުރުތައް ދ. ކުޑަހުވަދުއަށް ފަށައިފިއެވެ.

މި ވަގުތު މަންޓާ އެއާއިން ދަތުރު ކުރަމުން ދަނީ ދ. ކުޑަހުވަދުއަށް އެކަންޏެވެ. މި ދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ދަތުރުތައް ފަށާފައިވާއިރު އެ އެއާއިން ވަނީ އަންނަ މަހުގެ ތިނަކާ ހަމައަށް ހާއްސަ ޕްރޮމޯޝަނެއް ހިންގަން ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ދ. ކުޑަހުވަދުއަށް ކުރާ އެއްކޮޅު ދަތުރަކަށް ދައްކަންޖެހޭ ޓިކެޓް ފެއާއަކީ އެންމެ 749 ރުފިޔާއެވެ.

މަންޓާ އެއާއިން ދަތުރުކުރާ ފަސިންޖަރުންނަށް ދެ ކްލާހެއްގެ ހިދުމަތް ދޭއިރު އެ ހިދުމަތަށް ނަން ދީފައި ވަނީ "ސެފަޔާ" (ބިޒްނަސް) ކްލާސް އާއި "ކޮމްފޯޓް" (އިކޮނޮމިކް) ކްލާހުގެ ނަމުންނެވެ. މި ދެ ކްލާހުގެ ޓިކެޓް އަގުތަކަށް ބަލާލާއިރު ސެފަޔާ ކްލާސްގެ އެއްކޮޅު ޓިކެޓްގެ އަގަކީ 1999 ރުފިޔާއެވެ. އަދި ކޮމްފޯޓް ކްލާސް ގެ އަގަކީ 749 ރުފިޔާއެވެ.

ދަތުރުތައް ފެށިގެން ކުރިއަށް ދާއިރު ރަނގަޅު ތަރުހީބެއް ލިބެމުންދާ ކަމަށް މަންޓާ އެއާއިން ބުނެއެވެ. މިހާރު ކުޑަހުވަދޫއަށް އެކަނި ދަތުރު ކުރަމުން ދިޔަ ނަމަވެސް ކުރިއަށް އޮތް ތަނުގައި ބ. ދަރަވަންދޫ އަދި ތ. ތިމަރަފުށީ އެއާޕޯޓަށް ދަތުރުތައް ބާއްވާނެ ކަމަށް ވެސް މަންޓާ އެއާއިން ބުނެއެވެ.

މި އެއާލައިނުން ބޭނުން ކުރަނީ ATR-72-600 މަރުކާގެ 64 ގޮނޑީގެ ޖާގައިގެ މަތިންދާ ބޯޓެވެ. މިހާރު އެ އާއިން ހިދުމަތްދެމުން އަންނަނީ މި މަރުކާގެ ދެ މަތިންދާ ބޯޓުން ކަމަށްވެސް އެ އެއާއިން ބުނެއެވެ.