މޯލްޑިވްސް ގެޓަވޭސް އާއި ކޯޕަރޭޓް މޯލްޑިވްސް ގުޅިގެން އިންތިޒާމްކޮށްގެން ބޭއްވި "ގޯލްޑް 100" އެވޯޑް ހަފްލާގައި ރާއްޖޭގައި އެންމެ މަގްބޫލު 100 ކުންފުނީގެ ތެރެއިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) ހޮވިއްޖެއެވެ.

ރޭ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިޔަ ގޯލްޑް 100 އެވޯޑް ހަފްލާގެ ތެރެއިން އެމްއޭސީއެލުން އެވޯޑާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ އެކްޓިންގް މެނޭޖިންގް ޑިރެކްޓާ މޫސާ ސޯލިހެވެ.

މިއީ ޖެހިޖެހިގެން މި އެވޯޑް އެމްއޭސީއެލް އަށް ލިބުނު ތިންވަން އަހަރެވެ.

ގޯލްޑް 100 އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ 100 ކުންފުނި ހޮވުމަށް ބާއްވާ އެވޯޑް ހަފްލާއެކެވެ. މި އިވެންޓްގެ ގޯލްޑް ޕާޓްނަރުންނަކީ ދަ ހޯކްސް، އެމް 7، އުރީދޫ މޯލްޑިވްސް އަދި އަލް ޝާރީ މެރީން އެވެ. މި އިވެންޓުގެ ޕްލެޓިނަމް ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސްއެވެ.

"ގޯލްޑް 100" އެވޯޑްގެ ތެރޭގައި މި އަހަރު އާ އެވޯޑެއް ވެސް ވަނީ ދީފައެވެ. ކޯޕަރޭޓް ގަވަނަންސްގެ ނަމުގައި ތައާރަފްކުރި އާ އެވޯޑް ލިބިފައިވަނީ ދެ ކުންފުންޏަކަށެވެ. އެއީ އެލައިޑް އިންޝުއަރަން ޕްރައިވެޓް ލިމިޓެޑް އާއި ދިރާގެވެ.