ކޮންމެ އަހަރަކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބާއްވާ "ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" ގައި 80،000 ރުފިޔާގެ ފައިސާގެ އެހީ މޯލްޑިވްސް ތެލެސީމިއާ ސެންޓަރަށް ދީފިއެވެ.

މި ދުވުމަކީ ކޮންމެ އަހަރަކު ވެސް ބީއެމްއެލުން ޗެރިޓަބަލް އޯގަނައިޒޭޝަންތަކަށް އެހީވުމުގެ ގޮތުން ކުރިއަށް ގެންދާ ދުވުމެކެވެ. އެގޮތުން މި ހަރަކާތް ނިންމުމުގެ ތަސްމިއްޔާތުގައި ބީއެމްއެލްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސާ އަދި ޑައިރެކްޓަ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވަނީ ތެލެސީމިއާ ސޮސައިޓީ އަށް ރަމްޒީ ޗެކް ހަވާލުކޮށްދެއްވާފައެވެ.

މިއަދު ހެނދުނު 7:00 ގައި ކުރިއަށް ގެންދިޔަ ދުވުމުގައި ބީއެމްއެލްގެ 200 އަށް ވުރެ ގިނަ މުވައްޒަފުންނާއި، މުވައްޒަފުންގެ ދަރިންގެ އިތުރުން ތެލަސީމިއާ ސޮސައިޓީގެ ފަރާތުން ބައިވެރިވެފައިވެއެވެ. ގާތްގަނޑަކަށް ހަތަރު ކިލޯމީޓަރުގެ ދުވުން ފަށާފައި ވަނީ ހުޅުމާލޭގެ ސެންޓަރަލް ޕާކް ސަރަހައްދުންނެވެ. ހުޅުމާލޭގެ މަގުތަކުން ދުވުން ކުރިއަށް ގެންގޮސްފައިވާއިރު އެ ދުވުން ނިންމާލާފައިވަނީ ވެސް ސެންޓްރަލް ޕާކަށެވެ.

ފާއިތުވި ދެ އަހަރު ބީއެމްއެލް އިން ވަނީ މުޖުތަމައަށް އެހީތެރިވުމުގެ ކުރާ އިންވެސްޓްމަންޓް ދެ ގުނައަށް އިތުރުކޮށްފައެވެ. އެގޮތުން މުޖުތަމައުއަށް އަމާޒުކޮށް ހިންގުމަށް ގަސްދުކުރާ ހަރަކާތްތައް، ދެމެހެއްޓެނެވި ގޮތެއްގައި ހިންގުމަށް އަހަރެންގެ ބޭންކް "ކޮމިއުނިޓީ ފަންޑު" އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވެސް ބީއެމްއެލުން ވަނީ ހުޅުވާލައިފައެވެ. އޭގެތެރޭގައި ހިލޭ ސާބަހަށް ކުރާ މަސައްކަތް، ތައުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަން ކުރުމަށް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށް ބީއެމްއުލުން ވަނީ ބުނެފައެވެ.