ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އެ ކުންފުނީގެ ރީޖަނަލް އޮފީސްތަކާއި ރީޖަނަލް ޑިޕާޓްމަންޓްތައް އުވާލަން ނިންމައިފިއެވެ.
ފެނަކައިން ރީޖަނަލް އޮފީސްތަކާއި ޑިޕާޓްމަންޓްތައް އުވާލަން ނިންމާފައިވަނީ އެ ކުންފުނީގެ މާލީހާލަތު ދަށްވެ ދިމާވެފައިވާ އުނދަގޫތަކުން އަރައިގަތުމަށް ވީހާވެސް ބޮޑަކަށް ހަރަދުތައް ކުޑަ ކުރުމަށް ކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، ފެނަކަ ކުންފުނީގެ އިދާރީ ހިނގުން މިހާރަށް ވުރެ ހަރުދަނާ ކޮށް، ރައްޔިތުންނަށް ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އިތުބާރާއި ޔަގީންކަމާއެކު ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އެ ކުންފުނީގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމަކީ މިވަގުތު ކުރުން މަޖުބޫރުކަމެއް ކަމަށެވެ. އެގޮތުން ރީޖަނަލް އޮފީސްގެ ނަމުގައި ހިނގަމުންދާ އޮފީސްތަކާއި ޑިޕާޓްމަންޓްތައް އުވާލުމަށް އެ ކުންފުނީގެ މެނޭޖްމަންޓުން ނިންމާފައި ކަމަށް ފެނަކައިން ބުނެއެވެ.
އޭގެއިތުރުން މިއަދާ ހަމައަށް ކުންފުނީގެ މަސައްކަތް ހިނގަމުންދާ ގޮތް ތަޖުރިބާ ކުރެވުނު އިރު ރަށްރަށުގެ ބްރާންޗްތަކާއި މައި އޮފީހާއި ދެމެދު އިތުރު އިދާރީ އޮފީހެއް ހުރުމުގެ ސަބަބުން މަސައްކަތް އަދި ހިދުމަތް ލަސްވެ މޮނިޓާ ކުރުމުގެ ގިނަ ދަތިތަކެއް ދިމާވަމުންދާ ކަންވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.