ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމެޓީއަކަށް ހާޒިރުކުރުމަށް އެދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުށަހަޅައިފިއެވެ.

ޕީޕީއެމް އާއި ޕްރޮގްރެސިވް ޕާޓީއިން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ މެންބަަަރު އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން އެ ދެ ބޭފުޅުން މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކުރުމަށް މިއަދު މަޖިލީހަށް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.

އާރިފް ވިދާޅުވެފައިވަނީ ބިޝާމް މަޖިލީހަށް ހާޒިރުކުރާ ސަބަބަކީ ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ރައީސް ޔާމީނާ މެދު އިންސާފުން އެއްކިބާވެ، ފުލުހުންގެ އިދާރާއިން ތަހުގީގްކޮށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާ ކުރަން ފޮނުވާފައިވާ މައްސަލައަކީ ގާނޫނު އަސާސީގެ ހައްގުތައް ކަށަވަރު ކޮށްދިނުމުގެ ބާބުގެ ދަށުން 17، 19، 20، 33، 40، 45 އަދި 55 ވަނަ މާއްދާ އާއި ހިލާފުވެފައިވާ މައްސަލައިގައި ކަމަށެވެ.

މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީއަށް ބިޝާމް ހާޒިރުކުރުމަށް އެދި މައްސަލަ ހުށަހަޅައިފައިވާކަމަށާއި އެ މައްސަލަ ހުށެހެޅުމަށް ސޮއި ކުރައްވީ އޭނާގެ އިތުރުން ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ކަމަށް އަރީފް ވިދާޅުވިއެވެ.

އެކްޓިން ސީޕީ ހަމީދު މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކުރުމަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީ (241) އަށެވެ. އެއީ ގާނޫނު އަސާސީގެ ހައްގުތައް ކަށަވަރުކޮށްދިނުގެ ގާނޫނުގެ އެ ހަތް މާއްދާއާއި ހަވާލާދީ ކަމަށް އަރީފް ވިދާޅުވިއެވެ.

ހަމީދު ހާޒިރުކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ސޮއި ކޮށްފައިވަނީ އޭނާގެ އިތުރުން ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކާއި ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ކަމަށް އާރިފް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާގެ ތެރެއިން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓްތަކަށް ފައިސާ ޖަމާވި މައްސަލައާއި ގުޅިގެން ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުގައެވެ. އަދި ކްރިމިނަލް ކޯޓުގައި އެ ދައުވާ ކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ.