ކުރީގެ ރައީސް އަބްދުﷲ ޔާމީން ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗަށް ގެެނައުމުން، އެމަނިކުފާނަށް ސަޕޯޓު ކުރާ ފަރާތްތަކުން އައިޖީއެމްއެޗް ތެރެއަށް ވަދެ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރުމުން، ފުލުހުން ޕެޕަސްޕްރޭ ޖަހާފައި ވާނީ އެ ހާލަތުގައި ބޭނުންކުރަން ޖެހުނު އެންމެ ކުޑަ މިންވަރަށް ކަމަށް ފުލުހުން ބުނެފިއެވެ.
އައިޖީއެމްއެޗް ތެރޭގައި ޕެޕަސްޕްރޭ ޖެހި މައްސަލައިގައި ގިނަ ބައެއްގެ ފާޑު ކިއުންތައް ފުލުހުންނަށް އަމާޒުވެފައިވާ އިރު، އެކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕެޕަސްޕްރޭ ޖަހާފައި ވަނީ، ޔާމީނަަށް ތާއިދު ކުރާ ގިނަ ބަޔަކު ހޮސްޕިޓަލުގެ ހުޅަނގު ގޭޓުން ވަދެ "ކާޑިއޮލޮޖީ ސެންޓާ" ތެރެއަށް ވަންނަން މަސައްކަތް ކުރުމުން، އެސަރަހައްދަން ގިނަ ބަޔަކު އެއްފަހަރާ ނުވަނުމަށް އެންގުމުން ވެސް ނުކިޔަމަންތެރިކަން ދައްކާ އަޑުގަދަކޮށް، ގަދަކަމުން ހޮސްޕިޓާ ތެރެއަށް ވަދެގަތުމަށް އުޅުމުން، އެކަން ހުއްޓުވުމުގެ ގޮތުން ކަމަށެވެ.
އަދި ހޮސްޕިޓާ ފަދަ ތަންތަނުގެ ތެރޭގައި އެއްވެ އަޑުގަދަކޮށް ހަމަނުޖެހުމަށް މަގުފަހިވާ ފަދަ ކަންކަން ކުރުމަކީ އެތަންތަނުގައި ތިބޭ ބަލި މީހުންނަށާއި، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ދަތި އުނދަގޫ ކަމަކަށްވެ، ހިދުމަތް ދިނުމަށް ހުރަސް އެޅޭ ކަމަކަށް ވާތީ އަދި އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން އެއްވުން މަނާތަނަކަށް ވާތީ، އެކަން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ހޮސްޕިޓަލަށް ޒިޔާރާތް ކުރާ ފަރާތްތަކުން ހޮސްޕިޓަލުން ކަނޑައަޅާފައިވާ އުސޫލުތަކާއި ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން ފުލުހުން ބާރުގެ ބޭނުން ކުރާ ހާލަތްތަކުގައި ބާރު ބޭނުން ކުރެވުނު ގޮތް ރިވިއުކުރުމަށް އެކުލަވާލައި ފައިވާ "ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީ" އިން އިއްޔެގެ ހާދިސާގައި ފުލުހުން ބޭނުންކުރި ބާރާއި، އެ ބާރު ބޭނުން ކުރެވުނު ހާލަތު ދިރާސާކޮށް ރިވިއު ކުރާނެކަމަށް ވަނީ ބުނެފައެވެ.