ނިމިގެން ދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޖުމްލަ އާމްދަނީގެ ގޮތުގައި 2.13 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މިރާއިން ނެރެފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ޖުމްލަ އާމްދަނީ އާ އަޅާ ބަލާއިރު މި އަހަަރު ލިބިފައިވާ 2.13 ބިލިއަން ރުފިޔާގެ އާމްދަނީއަކީ 2.9 އިންސައްތަ ދަށް މިންވަރެކެވެ. އަދި މީރާއިން މި އަހަރުގެ ޖެނުއަރީ މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށް ވުރެ މީ 4.5 އިންސައްތަ އިތުރު އަދަދެކެވެ.

މި ދިޔަ އަހަރާ އަޅާ ބަލާ އިރު މި އަހަރުގެ ޖެނުއަރީ މަހުގެ އާމްދަނީ ދަށްވެފައިވާ މައިގަނޑު ސަބަބެއް ކަމަށް މީރާއިން ފާހަގަކޮށްފައި ވަނީ ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި ރިސޯޓްތަކުގެ ކުލި ގޮތުގައި ނުލިބި ހުރި ފައިސާ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ލިބިފައިވުމުން ކަމަށެވެ. އެހެންނަމަވެސް ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައިވާ އަމްދަނީ އިތުރުވެފައިވުމާ އެކު 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާ ބަލާއިރު 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް 5.4 އިންސައްތަ އިތުރުވެފައި ވުމުން 2019 ވަނަ އަހަރުގެ ޖަނުއަރީ މަހު ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެ، އެ އޮތީރިޓީއިން އަންދާޒާ ކުރި މިންވަރަށް ވުރެ އާމްދަނީ އިތުރުވެފައިވާ ކަމަށް ވެސް މީރާއިން ނެރުނު ރިޕޯޓުން ދައްކައެވެ.