އާދީއްތަ ދުވަހު ޕާކިސްތާނަށް ދަތުރުކުރައްވާ ސައުދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމް.ބީ.އެސް)އާއި ތޯލިބާނު ހަނގުރާމަވެރިންނާއި ދެމެދު އިސްލާމް އާބާދުގައި މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށް ޚަބަރު ލިބިއްޖެއެވެ.

ޕާކިސްތާނާއި އިންޑިއާއާއި ދެމެދު އޮންނަ ޒަމާންވީ ހަތުރުވެރިކަމުގެ ގުޅުމުގެ ހުޅުގަނޑު އިތުރަށް ފަޅައިގެން ގޮސްފައިވާ މިދަނޑިވަޅުގައި، ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު އެމް.ބީ.އެސް ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށާއި ޗައިނާއަށް ކުރައްވާ ޒިޔާރަތުގެ ފުރަތަމަ މަންޒިލަކީ ޕާކިސްތާނެނެވެ.

އެމް.ބީ.އެސްގެ ޕާކިސްތާނުގެ ދަތުރުފުޅުގައި ތޯލިބާނުންގެ މަންދޫބުންނާއިއެކު މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެ ކަމަށް މީޑިއާގައި ހާމަކޮށްފައިވަނީ އެކަމުގެ މައުލުމާތު އެނގޭ މަސްދަރުތަކަކާއި ހަވާލާދީއެވެ. އަފްޣާނިސްތާނުގައި ސުލްހަ ގާއިމުކޮށް އެގައުމުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ އަސްކަރީ ފައުޖުތައް އަފްޣާނިސްތާނުން ބޭލުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތަކުގައި ޕާކިސްތާނުން ދަނީ އިސް ދައުރެއް އަދާކުރަމުންނެވެ.

ގަލްފުގެ އެހެން ގައުމުތަކެކޭ އެއްފަދައިން ސައުދީ އަރަބިއްޔާއަކީވެސް މިމަޝްވަރާތަކުގައި ކުރިން ބައިވެރިވެފައިވާ ގައުމެކެވެ.

ހޯމަ ދުވަހުގެ ނިޔަލަށް ޕާކިސްތާނުގައި މަޑުކުރެއްވުމަށްފަހު އެމް.ބީއެސް ދެން ވަޑައިގަންނަވާނީ އިންޑިއާއަށެވެ. އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ބޮޑުވަޒީރު ނަރޭންދްރަ މޯދީގެ އިތުރުން ޕެޓްރޯލިއަމް މިނިސްޓަރާއިވެސް އެމް.ބީ.އެސް ބައްދަލުކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް އެމް.ބީ.އެސް ކުރައްވާ ދަތުރުފުޅުގައި މުހިންމު އެއްބަސްވުންތަކެއްގައިވެސް ސޮއިކުރެއްވިގެންދާނެ ކަމަށް އިންޑިއާގެ ޚަބަރުތައް ބުނެއެވެ.

ބުރާސްފަތިދުވަހު ޗައިނާއަށް ވަޑައިގެން، ހުކުރު ދުވަހުގެ ނިޔަލަށް އެމް.ބީ.އެސް އެގައުމުގައި މަޑުކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ.