މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގެ މަސްރަހު ހޫނުކޮށްލީ މިހާތަނަށް ރާއްޖޭގައި ހިނގާފައިވާ އެންމެ ބޮޑު ކޮރަޕްޝަން، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓު އެންޓި ކޮރަޕްޝަން ކޮމިޝަނުން އާންމު ކުރުމުންނެވެ. 1.4 ބިލިއަން ޑޮލަރުގެ މި މުއާމަލާތުގެ ރިޕޯޓު ނެރުމާއެކު، މިކަމުގައި ބައިވެރިވި ބައެއް ވެރިންނާއި، ސަރުކާރުގެ އިސް ބައެއް ފަރާތްތަކާއި އަދި އުންމީދު ނުކުރާ އެތައް ފަރާތެއްގެ ނަން ހާމަވަގެން ދިޔައެވެ.

މި ރިޕޯޓުގައި ވާގޮތުން ހިޔާނާތުގެ ފައިސާގެ އަދަދު 1.4 ބިލިއަން ޑޮލަރެވެ. ދައްކާފައި ހުރީ ހުސް ޖަމާކުރި ފައިސާއާއި ނެގި ފައިސާގެ ވާހަކައެވެ. އެ ފައިސާއަށް ވީ ކިހިނެއް ކަމެއް އޭސީސީއަކަށް ބުނެ ނުދެވެއެވެ. އަދި މިހާ ހިސާބުން ނުނިމި މި ރިޕޯޓަކީ މަސްލަހަތު ހިމެނޭ ބައެއް ފަރާތްތަކުގެ މައުލޫމާތު ނުހިމަނާ ފުރިހަމަ ނުވާ ރިޕޯޓެއްކަން ހާމަވެގެން ދިޔައެވެ.

ތިން އަހަރެއްހާ ދުވަހު އާންމު ނުކޮށް އޮތް މި ރިޕޯޓު އޭސީސީގެ ނަޒާހަތްތެރިކަން ދެއްކުމުގެ ގޮތުން ބުރާސްފަތި ދުވަހު އާންމު ކުރި ނަމަވެސް، އޭސީސީގެ މެންބަރުން މިކަމުގައި 'ލެވުނީ ހޫނު ފެނަށް' އެވެ. އެ މެންބަރުންގެ ނަޒާހަތްތެރި ކަމާމެދު އެތައް ސުވާލެއް އުފެދި މި ހަޑީގައި އެމީހުންގެ އަތް ވެސް ހަޑިވިކަމަށް ތުހުމަތު ކުރެވުނެވެ. ނަމަވެސް މިކަމަށް އަދި މިހާތަނަށް އޭސީސީން އެއްޗެއް ނުބުނެ އާންމު އުސޫލުން ތިބީ ހަނެވެ. ޖެއްސި ސްޓަންޓް އަތަށް ގޮވައި އިތުރަށް ފަޟީހަތް ނުވާން ތިބީ ކަމަށް ވެސް ވެދާނެއެވެ.

އޭސީސީގެ ބައެއް މެންބަރުން ހަފްލާއެއްގެ ތެރޭގައި / ފައިލް ފޮޓޯ: އޭސީސީ

ރިޕޯޓް ފުރިހަމަ ނުވޭ!

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ފަޅާ އަރުއްވައިލެއްވި އެމްއެމްޕީއާރުސީގެ މައްސަލައިގައި އޭނާ މަގާމުން ދުރުކުރެވުނެވެ. އަދި މި މައްސަލައިގެ ގިނަ މައުލޫމާތު އެނގިވަޑައިގަންނަވާ އެކަކީ އޭނާއެވެ. ނިޔާޒު ވިދާޅުވާގޮތުން ނަމަ، މި ހިޔާނާތުގެ ފައިސާގެ އަދަދު ތިން ބިިލިއަން ޑޮލަަރަށް އަރާނެއެވެ. ނަމަވެސް އޭސީސީގެ ރިޕޯޓުގައި މީގެ ދެބައިކުޅަ އެއްބައި ވެސް ނެތެވެ. މި ތަހުގީގާ ގުޅޭގޮތުން ނިޔާޒުގެ ތުހުމަތު އޭސީސީގެ މެންބަރުންނާ ދިމާއަށް ވެސް ދެއެވެ. ނިޔާޒު ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ބައެއް ފަރާތްތަކުގެ ނަންތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރިޕޯޓުގައި ނެތް ކަމަށެވެ. އޭނާ ވިދާޅުވީ އެސްއޯއެފް މެދުވެރިކޮށް ފައިސާ ލިބުނު ފަރާތްތަކުގެ އިތުރުން އަދީބު އަތުން ހިޔާނާތުގެ ފައިސާ ލިބުނު ބައެއް ފަރާތްތަކުގެ މައުލޫމާތު [އޭސީސީ ރިޕޯޓުގައި ހާމަކޮށްފައި ނުވާ] އޭސީސީއާ ހިއްސާ ކުރެވިފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުގެ ނަން އޭސީސީ އިން ހާމަ ނުކުރީ ކީއްވެގެން ކަމާމެދު ނިޔާޒު ވަނީ ސުވާލު އުފައްދަވާފައެވެ.

އޭނާ ވިދާޅުވީ އޭސީސީގެ ރިޕޯޓުން ހާމަކޮށްފައިވާ، އެސްއޯއެފް މެދުވެރިކޮށް އެކި ފަރާތްތަކަށް ފޮނުވި ފައިސާއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ބައިކުޅަ ބައެވެ. "އެމްއެންޕީއާރުސީއަށް ލިބުނު ފައިސާގެ އިތުރުން އެތައް މިލިއަން ޑޮލަރެއް އަދީބުގެ އަމިއްލަ އެކައުންޓްތަކަށާއި، އޭނާގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ވަދެފައިވޭ. އަދި މީގެ ތެރެއިން ބައެއް ފައިސާ ސަރުކާރުގެ އިސް ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިފައިވޭ" ނިޔާޒު ވިދާޅުވިއެވެ.

މާރުކުރި ޑޮލަރަށް ވި ފައިސާއަށް ވީ ކިހިނެއް؟

އޭސީސީގެ ރިޕޯޓުން ހާމަވި ކަންތައްތަކަށް ވުރެ، ފަސް އަޅާ ފޮރުވާފައިވާ ކަންކަން ގިނައެވެ. މީގައި މުޅިން ވެސް އޮތީ، މިވެނި މީހެއްގެ އެކައުންޓަށް ހާހުންނާއި، ލައްކައިންނާއި މިލިއަނުން ޑޮލަރު ފޮނުވާ ޑޮލަރު ޖަމާކުރި ވާހަކައެވެ. އެ މާރުކުރި ކަމަށް ބުނާ ނުވަތަ މަންފާއަކަށް ނަމަވެސް ދިން ޑޮލަރުގެ ބަދަލުގައި ލިބުނު ދިވެހި ފައިސާއަށް ވީ ކިހިނެއް ހެއްޔެވެ؟ ބައެއް އެކައުންޓްތަކަށް ދައުލަތުގެ ބަޖެޓްގެ ދެބައި ކުޅަ އެއްބައި ހާ ފައިސާ ވަދެފައިވާކަމަށް ވެއެވެ. އެ ވީ ކޮންތާކުތޯ މިއީ އުފެދޭ ބޮޑު ސުވާލެކެވެ. މި ފައިސާ ދިޔައީ "ޖައްވައްތޯ ހަވައަށްތޯ" ނޫނީ ނަގުދު ފައިސާގެ ގޮތުގައި އަދިވެސް އެ ވީ ގޭގޭގައާއި ރައްޓެހި ރަހުމަތްތެރިންގެ އަތުގައި ފޮރުވާފައިތޯ ސުވާލު އުފެދެއެވެ.

މިކަން ވީގޮތެއް އޭސީސީގެ ރިޕޯޓުގައި ނެތެވެ. އަދި މިކަން ބަލަން މަސައްކަތް ވެސް ކޮށްފައި މި ރިޕޯޓަކު ނެތެވެ. އެތައް ހާސް ޑޮކިއުމެންޓެއް އެތައް ސަތޭކަ ގަޑިއިރެއް ވަންދެން ދިރާސާކޮށް އެތައްހާސް ބަޔަކާ ސުވާލުކުރި އިރު، މި ރިޕޯޓު ފުރިހަމަ ނުވެ ނެރެފައިވަނީ މަޖުބޫރީކަމެއްގައި ތޯ ވެސް ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. މީގެ އިތުރުން ހިޔާނާތުގެ ފައިސާ ބެހުމުގައި އިސްކޮށް އުޅުނު އެސްއޯއެފްގެ ޗެކްތަކުންނާއި ފައިސާ ޓްރާންސްފާ ކޮށްގެން ލިބުނު ހުރިހާ ފަރާތަކާއި ސުވާލު ނުކުރާކަން ވެސް ހާމަވެއެވެ. އަދި ކަން ހިނގައިދިޔަ ގޮތް ނުބަލާ އަމިއްލަ ގިރުވާން ކޮޅަށް ޖަހަން ކުރި މަސައްކަތެއްގެ ގޮތުގައި އޭސީސީގެ ރިޕޯޓް މީހުން ދަނީ ސިފަ ކުރަމުންނެވެ.

އޭސީސީގެ މެންބަރުން / ފައިލް ފޮޓޯ

އެސްއޯއެފުން ފޮށި ފޮށީގައާއި، ދަބަސް ދަބަހުގައި ބެހި ފައިސާ ލިބުނު ފަރާތްތަކާއި ސުވާލު ނުކުރާކަން ހާމަވި އިރު، މިކަމަށް އޭސީސީން އެހާ ބުރަ މަސައްކަތެއް ވެސް ކޮށްފައި ނުވެއެވެ. އަދި ފައިސާ ލިބުނުގޮތް ނުބަލާ، ކަން ފަސޭހައަކަށް މިކަން ނިންމާފައިވޭ ބުނުމަކުން ގޯހަކަށް ނުވާނެއެވެ.

ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ ތާށި ކަމާއެކު، ބޭންކު ރޭޓުގައި ޑޮލަރު ބޭނުން ވަރަކަށް ލިބޭ ނަމަ، އެ ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ އެފަދައިން ޑޮލަރު ގަތް މީހުންގެ ނަން ވެސް ކިލަނބުކޮށް އޭސީސީން ކުރަން އުޅުނު މޮޅު ކަންތައް އަތަށް ގޮވީއެވެ. މިވަރުގެ ބޮޑުކަމެއް ކޮށްލިއިރު، އެއީ ކިހިނެއް ހިނގައިދިޔަ މުއާމަލާތްތަކެއް ކަމެއް އޭސީސީއިން ބަލާފައިނު ވާކަން މި ރިޕޯޓުގެ 700 އަށް ވުރެ ގިނަ ސޮފުހާއިން ހާމަވެއެވެ.

އޭސީސީގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަމުގެ އަޑުތައް!

ރިޕޯޓު އާންމުކުރުމާއެކު، އެންމެ ފުރަތަމަ އިނގިލި ދިއްކުރެވުނީ އޭސީސީގެ މެންބަރުންނާ ދިމާލަށެވެ. އަދި މިކަމުގައި ފުރަތަމަ ސުވާލު އުފެއްދެވީ ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމެވެ. އޭނާ ވިދާޅުވީ "އޭސީސީއަށް އިނގޭ އެކަމަކު އެ ނަންތަކެއް ނެތީ ކީއްވެ ކަމެއް ނޭނގޭ. ނަމަވެސް ޔަގީންވާ ކަމަކީ އޭސީސީގެ ބައެއް މެންބަރުންނާ އާއިލީ ގުޅުން އޮތް ފަރާތްތަައްވެސް މީގެ ތެރޭގައި ހިމެނޭ" ކަމެވެ. މިއަށް ބާރުލިބޭ ވާހަކަތައް ވެސް އެބަހުއްޓެވެ. އެއް ކަމަަކީ ރިޕޯޓު އާންމުކުރުން ލަސްވުމެވެ. ދެވަނަ ކަމަކީ ނިޔާޒަކީ މި ބޮޑު ހިޔާނާތުގެ މައްސަލަ ފަޅާއަރުވާލެއްވި އެއް ފަރާތެވެ. ތިން ވަނަ ކަމަކީ ރިޕޯޓުގައި ބުނާ 155 މީހަކަށް ވުރެ އިތުރަށް ގާތްގަޑަކަށް 500 މީހުންނަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ރިޕޯޓެވެ.

ދެން އުފެެދޭ ސުވާލަކީ ބާކީ 300 އެއްހާ މީހުންގެ ނަންތައް ކޮބާ ހެއްޔެވެ. އޭސީސީން މިފަދަ ބޮޑު ތަހުގީގެއް ހިންގި އިރު، އެ މީހުންގެ ވާހަކަ ގަސްދުގައި ނުހިމަނާ ނިންމާލީ ހެއްޔެވެ. ނުވަތަ އަމިއްލަ މަސްލަހަތާހެދި އެކަން ނުކުރެވުނީ ހެއްޔެވެ. މި ސުވާލުތަކަކީ އޭސީސީން ޖަވާބުދާރީވާން ޖެހޭ ސުވާލުތަކެވެ. ދިވެހި ރައްޔިތުންގެ ފައިސާއަށް ހަރާންކޯރު ވި ގޮތް ދިވެހިންނަށް އެނގެން ޖެހެއެވެ.

ރިޕޯޓުގައި ހުރީ ޑޮލަރުގެ މުއާމަލާތް، ދިވެހި ފައިސާގެ އެކައުންޓުގެ މައުލޫމާތު ނެތް!

ރަށްތަކާއި ފަޅުތަކާއި ފިނިޅޮތައް ދީގެން ލިބުނީ ޑޮލަރެވެ. އެ ޑޮލަރުތައް ކުރީ މާރެވެ. މާރު ކުރީ ދިވެހި ފައިސާ އަށެވެ. އެހެން ކަމަށް ވާނަމަ އެ ދިވެހި ފައިސާ ވަނީ ކޮންތާކަށް ހެއްޔެވެ؟ އެސްއޯއެފްގެ ދިވެހި ފައިސާ އެކައުންޓާއި، އެމްއެމްޕީއާރުސީގެ ދިވެހި ފައިސާ އެކައުންޓުގެ މައުލޫމާތު އޭސީސީ ރިޕޯޓަކު ނެތެވެ. އޮތީ ހުސް ޑޮލަރުގެ ވާހަކައެވެ. 77 މިލިއަން ޑޮލަރުގެ ތެރެއިން ދައުލަތަށް ވަތް 12.5 މިލިއަން ޑޮލަރު ފިޔަވައި އެހެން ޑޮލަރުތަކަށް ވީ ކިހިނެއް ހެއްޔެވެ. އެފައިސާ ވެދެފައި ވަނީ ގައުމުގެ އޭރުގެ ވަލިއްޔުލް އަމްރުގެ ދެކަނބަލުންނާ، ނައިބާ ދައުލަތުގެ ބޮޑުންނާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ބައެއް ވިޔަފާރިވެރިންނާ އަދި އެނޫންވެސް ބާރުގަދަ ބައެއް ފަރާތްތަކުގެ އެކައުންޓަށްތޯއެވެ؟ އެނގޭ ކަމަކީ ކުރިންވެސް ހާމަ ކުރި 155 މީހުންގެ ލިސްޓް އޭސީސީ އާއި ފުލުހުންގެ އަތުގައި އޮތް ކަމެކެވެ. އެ ލިސްޓު ހާމަ ކުރުމުމުން ގައުމީ ސަލާމަތަށް ނުރައްކާވަންޏާ އެވާހަކަވެސް ބުނެލައިފައި ތިބެންވީ ނޫންތޯއެވެ؟

އެސްއޯއެފުން އެމްއެމްޕީއާރުސީގެ ފައިސާތަކުގެ މުއާމަލާތް ކުރި އިރު، ޑޮލަރުތައް މާރުކޮށް ލިބުނު ދިވެހި ފައިސާ ވަނީ ކާކުގެ ކޮން އެކައުންޓަކަށް ހެއްޔެވެ. އެއެއް ރިޕޯޓަކުން ސާފެއް ނުވެއެވެ. އަދި އެމްއެމްޕީއާރުސީގެ ދިވެހި ފައިސާގެ އެކައުންޓްގެ މައުލޫމާތެއް ވެސް ނެތެވެ. ތިން އަހަރު ވަންދެން ހިންގި ތަހުގީގައި އޭސީސީ ފެއިލްވެފައިވާ ކަން ބުރާސްފަތި ދުވަހު އޭސީސީން އާންމު ކުރި ރިޕޯޓުން އެނގެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭކަމަށް ބުނާ ބައެއް ފަރާތްތައް

އޭސީސީން މި ރިޕޯޓު އާންމު ކުރުމެކޭ އަދި މީޑިއާއަތަކުން 2014 ވަނަ އަހަރުން ފެށިގެން އާންމުކުރަމުން ފަޅަމުން އައި ސުރުހީތަކެކޭ ތަފާތެއް ނެތެވެ. އެސީސީ ރިޕޯޓަކީ ގިނަ ވަގުތުތަކެއް ހޭދަކޮށްގެން ކުރެވުނު ބޭކާރު ހަރަދެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ދިވެހިންގެ ފައިސާގައި ޖެހި ކޮރަޕްޓްވާ މީހުންގެ މައްސަލަ ބަލާ އެ ފައިސާ ހޯދަން ޖެހޭ ގޮތް ހާމަކުރަން ޖެހޭ މުއައްސަސާއިން އެކަން ނުކުރުމުން ދެން އެ މުއައްސަސާގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފެދެއެވެ.

މި ހިޔާނާތުގެ މައްސަލަ އަލުން ބަލައި، މިކަމުގައި އޭސީސީގެ މެންބަރުން އަތެއްވާނަމަ އެކަން ވެސް ބަލަން ޖެހެއެވެ. އަދި ފުރިހަމަ ނޫން ރިޕޯޓެއް ދައުލަތުގެ ވަސީލަތާއި މުދަލާއި ފައިސާ ބޭނުންކޮށްގެން ތައްޔާރު ކުރި ސަބަބުން ވެސް ދެނެގަންނަން ޖެހެއެވެ.

އޭސީސީގެ ރިޕޯޓެކޭ، ރައްޔިތުން ހައްދަން ސިޔާސީ ފަރާތްތަކުން ދައްކާ ހުވަފެނެކޭ ތަފާތެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އޭސީސީން މިކަމުގައި ހަނު ހުރުމަކީ ވެސް ލިބޭ ޖަވާބެކެވެ.