ރައްޔިތުން އެދެނީ ހަލުވި ދުވެލީގައި ތަރައްގީގެ އައްސޭރި އަތުލަން ކަމަށާއި، އިގްތިސާދީ ދުވެލި އަހަރުން އަހަރަށް މަތިވަމުން ދާއިރުވެސް، ތަރައްގީގެ ދުވެލި ބަރުހެލިވެގެން އުޅެނީ، މަރުކަޒީ އުސޫލު ދޫކޮށް، ލާމަރުކަޒީ ކުރަން ނުކެރިގެންކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމުގެ ކުރިން އެކަމަށް ތައްޔާރުވުމަށްޓަކައި މިއަދު ހެނދުނު ކުރިއަށްދިޔަ ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހޮޓަލް ޖެންގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މި ސަރުކާރުން ކައުންސިލްތަކަށް ބާރުތައް ދޫކުރަން ތައްޔާރަށް އޮތް ކަމަށެވެ. އަދި މި ސަރުކާރުން ރަށްރަށުގެ ރައްޔިތުން އެދޭ ގޮތަށް، އެރަށެއްގެ ތަރައްގީގެ ޕްލޭން ކަނޑައަޅައި، ހިންގުމުގެ އިދާރީ އަދި މާލީ ބާރުވެރިކަން ދީގެން އެކަން ހާސިލުކުރާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މި މަހާސިންތާ އަމާޒުކުރެވިފައި ވަނީ، ރަށްވެހިކަމުގެ ހިދުމަތްތައް ދިނުމުގައި، ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ އެކަންތައް ހައްލުކުރުމާ ގުޅޭ ގޮތުންނެވެ. ރައީސް ވަނީ ލާމަރުކަޒީ ގާނޫނު އިސްލާހުކުރާއިރު، މުޅިނިޒާމު އެކުގައި އިސްލާހުވެގެންދާ ފަދަ ގޮތަކަށް މަޝްވަރާކުރުމަށް މަހާސިންތާގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

އެގޮތުން މަހާސިންތާގައި މަޝްވަރާތަށް ކުރަމުންދާއިރު ވަކިން ހާއްސަކޮށް ސިޓީ ކައުންސިލްތަކުގެ ރެޕްރެޒެންޓޭޝަންއާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އަދި އެކިއެކި ފޯރަމްތަކުގައި ލާމާރުކަޒީ ނިޒާމާގުޅޭގޮތުން އެމަނިކުފާނަށް ކުރިމަތިވެފައިވާ ސުވާލުތަށް ވިދާޅުވެދެއްވައި އެކަންތައްތަކާމެދު މަޝްވަރާކުރުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ކުރުމަކީ، ކައުންސިލްތަކެއް އުފައްދާފައި ކައުންސިލަރުންތަކެއް އިންތިހާބުކުރުން އެކަންޏެއް ނޫންކަމަށާއި، އެ ކައުންސިލްތަކަށް އިދާރީ ބާރުވެރިކަމާއި މާލީ ބާރުވެރިކަން ދޭން ޖެހޭކަމުގައެވެ. އެހެންކަމުން ރަށްރަށުގެ މުނިސިޕަލް ހިދުމަތްތަކުން ނަގާ ފީތަކަކީ، އެރަށްރަށުގެ އެފަދަ ހިދުމަތްތައް ތަރައްގީކުރުމަށް ހޭދަކުރެވޭ އެއްޗަކަށް ވާންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އަންހެނުން ބާރުވެރިކުރެވޭނެ ގޮތްތައް ނެތި، ގެނެވޭ ލާމަރުކަޒީ ނިޒާމަކީ ވެސް ހަގީގީ ލާމަރުކަޒީ ނިޒާމެއް ނޫންކަމުގައި ވިދާޅުވެ ރައީސް ވަނީ ގާނޫނުގައި ބަޔާންކުރާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު އަދި ބާރުތައްވެސް، މިހާރަށް ވުރެ ހަރުދަނާ ކުރަންޖެހޭކަމަކަމުގައި ވިދާޅުވެފައެވެ. އަދި އެނޫން ގޮތަކަށް ތަރައްގީގައި އަންހެނުންގެ ބައިވެރިވުމާއި ހިއްސާ އިތުރުކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތެރިވާ ގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތެއްކަމަށާއި، އެހެންކަމުން، އެލްޖީއޭގެ ބޯޑަކީ ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދެވޭނެ، އަދި މުޅި ނިޒާމުގެ މުސްތަގުބަލު ވެސް ބައްޓަން ކުރެވޭނެ ބޯޑަކަށްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އަދި މި ބޯޑުން ސިޔާސީ މަގުސަދުގައި ކައުންސިލަރުން ވަކިކޮށް، ސަސްޕެންޑް ކުރުން ފަދަ ކަންކަމުން ދުރުވާން ޖެހޭކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.