ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖެއާއި ލަންކާއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުުރުވި ނަމަވެސް، ރާއްޖެއިން ލަންކާއަށް އެކްސްޕޯޓު ކުރާ މިންވަރު ބޮޑުތަނުން ދަށްވެފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ ލަންކާއާއި ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި ހުރި ވިޔަފާރި އަދި އިންވެސްޓްމަންޓްގެ ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ލަންކާގެ ހިލްޓަން ހޮޓަލުގައި އެ ގައުމުގެ ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ކޮށްފައިވާ ވިޔަފާރީގެ މުއާލަމާތްތަކާއި އިމްޕޯޓް އެކްސްޕޯޓުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖެއާއި ލަންކާއާއި ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރުވެފައިވީ ނަމަވެސް ރާއްޖެއިން ލަންކާއަށް އެކްސްޕޯޓުކުރާ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އަދި ދިވެހި ސަރުކާރުން ބޭނުން ވަނީ މިހެން ދިމާވާންވީ ސަބަބު ބަލާ މިކަން ރަނގަޅު ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ލަންކާގެ އިންވެސްޓަމަންޓްތައް ހުރި ނަމަވެސް، އިތުރު އިންވެސްޓްމަންޓް ކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެއްވޭ ކަމަށެވެ. އަދި މިކަންކަން ބައްލަވައި ވީހާވެސް އަވަހަކަށް އެކަންކަމަށް ހައްލު ގެންނަވާނެކަމަށް ވިދާޅުވިއެވެ.
"1984 ވަނަ އަހަރުން ފެށިގެން ރާއްޖެއާއި ލަންކާއާއި ދެމެދު ވިޔަފާރީގެ ގުޅުން ގާއިމުކުރިފަހުން ދެގައުމުން ވަނީ ވިޔަފާރީގެ ގޮތުންނާއިން އިންވެސްޓްމަންޓްގެ ގޮތުން ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށްފައި. މީގެ އިތުރުން މިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް ލަންކާގެ ސަރުކާރާއި ގުޅިގެން ދެގައުމުގެ މާހިރުންނާއެކު ޓެކްނިކަލް ޓީމެއް އުފައްދާ އެކަންކަން ކުރެވޭނެ ގޮތް ބެލުމަށް ބޭނުންވޭ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އިންވެސްޓް ކުރާ ބޭރުގެ އިންވެސްޓަރުންނާއި، ރާއްޖޭގެ އިންވެސްޓަރުންގެ ދެމެދުގައި ހަމަހަމަކަން ގާއިމް ކުރުމަށް ގާނޫނަށް ބަދަލުތަކެއް ގެންނަން ނިންމަވާފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން ދެފުށްފެންނަ ގޮތަށް ބޭރުގެ އިންވެސްޓަރުންނާއި ރާއްޖޭގެ އިންވެސްޓަރުންނަށް ފުރުސަތުތައް ފަހިކުރެވި ރައްކާތެރިކަން ކަށަވަރު ކުރެވޭނެކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބޭރުގެ އިންވެސްޓަރުންނަށް ހިމާޔަތް ލިބޭނެ ގޮތެއް މީގެ ކުރިން ފެނިފައި ނުވާ ކަމަށެވެ. މީގެ އިތުރުން ރާއްޖެއަށް އިންވެސްޓްމަންތް ގެނައުމުގައާއިި ވިޔަފާރީގެ ކަންކަމުގައި ސަރުކާރުން ގެންގުޅެނީ ކޮރަޕްޝަނާ ދެކޮޅަށް ޒީރޯ ޓޮލެރެންސް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ސްރީލަންކާއާއި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަކީ ރައީސް ސޯލިހުގެ ސަރުކާރުގެ ނިންމުމެއް ކަމަށާއި، މިފަދަ ފޯރަމެއްގެ ތެރެއިން ރާއްޖެއާއި ލަންކާއާއި ދެ ގައުމުގައި ހުރި އިންވެސްޓްމަންޓް ތަކާއި ވިޔަފާރީގެ ފުރުސަތުކަށް ބަލާލައި ދެ ގައުމުން ވިޔަފާރީގެ ކަންކަމުގައި ކުރިއަށް ދާން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.