އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތަށް ދެވިފައިވާ ވަގުތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފިއެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު އީސީން އާންމު ކުރި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅުމުގެ ސުންގަޑި މިރޭގެ 10:00 އަކަށް ހަމަވާނެ ކަމަށް އީސީން އަންގާފައި ވާއިރު، މީގެ ކުރިން ހަމަޖެހިފައި އޮތީ މިއަދު ހަވީރު 4:30 ގެ ނިޔަލަށެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު އީސީން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި އެ މުއްދަތު ހަމަވާނީ މިމަހުގެ 21 ވަނަ ދުވަހަށެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގައި ޖުމްލަ 78 ދާއިރާ އަކަށް ވާދަ ކުރުމަށް ވަނީ ހުޅުވާލައިފައެވެ. އަދި މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 263 ހާހަށް ވުރެ ގިނަ މީހުން އެބަ ތިބި ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.