ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއެކު ފިނިހޫނުމިން ރެކޯޑު މިންވަރަކަށް މައްޗަށް ދިއުމަކީ މިއަދު އިންސާނީ ސިއްހަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ދާދި ފަހުން ދަ ލާންސެޓްގައި ޝާއިއުކޮށްފައިފާ، ހެލްތު އެންޑް ސްޕޯޓް ސައިންސަސް އަދި އެޕިޑިމިއޮލޮޖީ އެންޑް ޕަބްލިކް ހެލްތު ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ކްރިސްޓިއަން ގާސިއާ-ވިޓުލްސްކީ ގެ ދިރާސާ ރިޕޯޓުން ދައްކާ ގޮތުގައި، ހޫނުގަދަވުމުގެ ސަބަބުން ގިނަ ބަޔަކު ކަސްރަތުކުރުމާ ދުރުވަމުންދާ ދިއުމަކީ، 2050 ވަނަ އަހަރާ ހަމައަށް ދާއިރު އަހަރަކު އެތައް ލައްކަ ބައެއްގެ ފުރާނަ ގެއްލިގެންދާނެ ކަމެކެވެ. އެހެންކަމުން، ހޫނު މޫސުމުގައި ކަސްރަތުކުރުން ހުއްޓާލުމުގެ ބަދަލުގައި، ސިއްހީ މާހިރުންގެ އިރުޝާދާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ހަރަކާތްތެރިވެ އުޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ގަދަ ހޫނުގައި ރައްކާތެރިކަމާއެކު ކަސްރަތުކުރާނެ ގޮތް
ގަދަ ހޫނުގައި ކަސްރަތުކުރާއިރު ހަށިގަނޑުގެ އެތެރޭގެ ހޫނުމިން މައްޗަށް ދިއުމުން، ހަށިގަނޑު ފިނިކުރުމަށްޓަކައި ލޭގެ ބޮޑު ބައެއް ހަމުގެ މަތީ ފަށަލައަށް ދަތުރުކުރެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ކަސްރަތުކުރާ މަސްތަކަށް ބޭނުންވާ އޮކްސިޖަން ފޯރުކޮށްދިނުމަށް ހިތަށް ބޮޑު ބުރައެއް އުފުލަންޖެހެއެވެ. މި ހާލަތުގައި ރައްކާތެރިކަމާއެކު ކަސްރަތު ކުރިއަށް ގެންދެވޭނީ އަންނަނިވި ކަންކަމަށް ސަމާލުވެގެންނެވެ:
- ކަސްރަތު ކުރާ ވަގުތު ބަދަލުކުރުން: ދުވާލުގެ އެންމެ ހޫނުގަދަ ވަގުތުތަކުގައި (މެންދުރު ކުރީ 10 އިން ހަވީރު 4 އަށް) ބޭރުގައި ކަސްރަތުކުރުން ހުއްޓާލަންޖެހެއެވެ. އޭގެ ބަދަލުގައި ފިނިހޫނުމިން ދަށް، ފަތިހުގެ ވަގުތުތައް ނުވަތަ އިރުއޮއްސޭ ފަހުން ކަސްރަތުކުރުމަކީ ހަށިގަނޑަށް ކުރާ ބާރު ކުޑަކޮށްދޭނެ ކަމެކެވެ.
- ކަސްރަތު ކުރާ މާހައުލު ބަދަލުކުރުން: ސީދާ އަވީގައި ހުންނަ ފިނިހޫނުމިނަށްވުރެ ހިޔަލުގައި ހުންނަ ފިނިހޫނުމިން 12 އާއި 15 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ މިންވަރަކަށް ދަށްވެއެވެ. އެހެންކަމުން، ގަސް ގިނަ ޕާކުތަކާއި ހިޔާ ލިބޭ ސަރަހައްދުތަކުގައި ކަސްރަތުކުރުމަށް އިސްކަންދޭށެވެ.
- ހަށިގަނޑު ހޫނަށް ހާނުވުން: ހޫނު މޫސުމުގައި ކަސްރަތުކުރަން ފަށާއިރު، ފުރަތަމަ ދުވަސްކޮޅު ކުރު ވަގުތުކޮޅަކަށް މަސައްކަތް ބަހާލާށެވެ. ގާތްގަނޑަކަށް 7 ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތެއްގައި މަޑުމަޑުން ކަސްރަތުގެ ވަގުތާއި ކަސްރަތު ކުރާ މިންވަރު ނުވަތަ ހެވީ އެކްސަސައިޒް އިތުރުކުރުމުން، ހަށިގަނޑުގެ ދާހިއްލުމުގެ ނިޒާމާއި ލޭގެ ޕްލާޒްމާ މިންވަރު އިތުރުވެ، ހޫނަށް ހަށިގަނޑު ހޭނިގެންދާނެއެވެ.
- ހިއުމިޑިޓީ ނުވަތަ ވައިގެ ތެތްކަމަށް ބެލުން: ވައިގެ ތެތްކަން މަތިވުމަކީ ހަށިގަނޑުން ހިއްލާ ދާ އާތްވަށް ބަދަލުވުމަށް ހުރަސްއަޅާ ކަމެކެވެ. މިފަދަ ހާލަތްތަކުގައި ހަށިގަނޑު ފިނިވުން ލަސްވާތީ، ކަސްރަތުކުރާ މިންވަރު ދަށްކުރަންވާނެއެވެ.
ހަށިގަނޑަށް ގެއްލުން ނުވާނެހެން ހަރަކާތްތެރިވެ އުޅުން
ހޫނުގަދަވުމުގެ ސަބަބުން ކަސްރަތުކުރުން މުޅިން ހުއްޓާލުމަކީ ދިގު މުއްދަތުގައި ހަކުރުބައްޔާއި ހިތުގެ ބަލިތަކަށް މަގުފަހިވާނެ ކަމެއްކަމަށް ސިއްހަތާ ބެހޭ މާހިރުން ބުނެއެވެ. އެހެންކަމުން، ހޫނު މޫސުމުގައި ހަށިގަނޑަށް ގެއްލުން ނުވާނެހެން އަންނަނިވި އުކުޅުތައް ބޭނުންކުރެވިދާނެއެވެ:
- ކަސްރަތުގެ ކުރިން ހަށިގަނޑު ފިނިކުރުން: ކަސްރަތު ފެށުމުގެ ކުރިން ފިނި ބުއިމެއް ބޭނުންކުރުމަކީ ހަށިގަނޑުގެ އެތެރޭގެ ފިނިހޫނުމިން ކުޑަކޮށް ދަށްކޮށްލާނެ ކަމެކެވެ. މީގެ ސަބަބުން ނުރައްކާތެރި މިންވަރަކަށް ހަށިގަނޑު ހޫނުވުމުގެ ކުރިން ކަސްރަތު ފުރިހަމަކުރުމަށް އިތުރު ވަގުތު ލިބެއެވެ. އަދި ހަށިގަނޑަށް ފެން އެޅުމާއި، ފެނުން ތެމިފައިވާ ތުވާއްޔެއް ބޭނުންކުރުމުން މާބޮޑަށް ހަށިގަނޑު ހޫނުވުން ދައްކޮށްދީ ފިނިކޮށްދިނުމަށް އެހީތެރިވެދެއެވެ.
- ކަސްރަތުގެ ބާވަތް ބަދަލުކުރުން: ބޭރުގައި ދުވުމުގެ ބަދަލުގައި ފިނިކޮށްފައި ހުންނަ ޖިމެއްގައި ނުވަތަ ގޭތެރޭގައި ލުއި ކަސްރަތުތަކެއް ކުރުމަށް އިސްކަންދެވިދާނެއެވެ. އަދި ފެތުމަކީ ވެސް ހޫނު މޫސުމުގައި ހަށިގަނޑު ފިނިކޮށް ބަހައްޓަން ކުރެވިދާނެ ފައިދާހުރި ކަސްރަތެކެވެ.
- ހަށިގަނޑު ހޫނުމިން މައްޗަށް ދާކަމުގެ އަލާމާތްތަކަށް ހޭލުންތެރިވުން: ހީޓް އެގްޒޯޝަންގެ އަލާމާތްތައް ކަމަށްވާ ބޯއެނބުރުން، މޭނުބައިކުރުން، އާދަޔާ ހިލާފަށް ވަރުބަލިވުން، އަދި ހަށިގަނޑުގެ މަސްތަކުގައި ރިއްސުން އަދި އަކުނިވަޔަށް ދެމުން ފަދަ ކަންކަމަށް ސަމާލުވާށެވެ. މިފަދަ ކަމެއް އިހުސާސް ކުރެވޭނަމަ، ވަގުތުން ކަސްރަތު ހުއްޓާލައި ހިޔަލަށް ގޮސް ހަށިގަނޑު ފިނިކޮށް ރެސްޓްކޮށްލުން މުހިންމެވެ.
މޫސުމަށް އަންނަ ބަދަލުތަކާއެކު ދުނިޔެ ހޫނުވަމުންދާއިރު، ދިރިއުޅުމުގެ ވައްޓަފާޅިއަށް ވެސް ބަދަލުތަކެއް ގެނައުން ވަރަށް މުހިންމެވެ. ކަސްރަތުކުރުމަކީ ހަމައެކަނި ހަށިގަނޑު ރީތިކުރުމަށް ކުރާ ކަމެއް ނޫނެވެ. އެއީ ދިގު މުއްދަތުގެ ދުޅަހެޔޮކަމަށްޓަކައި ކުރަންޖެހޭ އިންވެސްޓްމަންޓެކެވެ. އެހެންކަމުން، ދުނިޔޭގެ ހޫނުމިން މައްޗަށް ދިޔަ ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހަރަކާތްތެރިވެ އުޅުމަކީ ކޮންމެ މީހަކުވެސް އާދަކުރަންޖެހޭ މުހިންމު ސިފައެކެވެ.
