ރަނގަޅު ސިއްހަތަކީ، ތައުލީމާއި މުޖުތަމައުގެ ކުރިއެރުމުގެ އިތުރުން، އިގްތިސޯދީ ފާގަތިކަމުގެ ބިންގާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ، މިއަދު ހެނދުނު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި "ތާޑް އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯ ހެލްތްކެއާ ޕްރޮފެޝަނަލްސް 2026" (އައިޖޭސީއެޗްޕީ 2026) ރަސްމީކޮށް އިފްތިތާހްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަހުގެ 7 އިން 9 އަށް ކުރިއަށްދާ މި ކޮންފަރެންސްގެ ޝިއާރަކީ "އެވިޑެންސް، އެމްޕަވަމަންޓް އެންޑް އެޑިއުކޭޝަން: ލީޑިން ދަ ފިއުޗާ އޮފް ހެލްތްކެއާ ފޯ ސަސްޓެއިނަބަލް އިމްޕެކްޓް" އެވެ.

މި ކޮންފަރެންސްގައި ބައިވެރިވާ ރާއްޖެއާއި ބޭރުގެ މަންދޫބުންނަށް މަރުހަބާ ވިދާޅުވަމުން، މެޑަމް ސާޖިދާ ވިދާޅުވީ ސިއްހީ ހިދުމަތުގެ އަސާސަކީ އިންސާނުން ކަމަށާއި، ދުޅަހެޔޮ ރައްޔިތަކާ ނުލައި ގައުމަކަށް އޭގެ ފުރިހަމަ ގާބިލުކަން ހާސިލުނުކުރެވޭނެ ކަމަށެވެ. އަދި ގައުމެއްގެ ހަގީގީ ބާރުވެރިކަން މިންކުރެވެނީ އެ ގައުމެއްގެ ރައްޔިތުންނަށް އަޅާލާ މިންވަރުގެ މައްޗަށް ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ސިއްހީ ދާއިރާއަށް އަންނަމުންދާ ޓެކްނޮލޮޖީގެ ބޮޑެތި ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން، އާޓިފިޝަލް އިންޓެލިޖެންސްއާއި ޑިޖިޓަލް ވަސީލަތްތަކުގެ ދައުރު ފުޅާވަމުން އައި ނަމަވެސް، އިންސާނީ އޯގާތެރިކަމަކީ އެއްވެސް މެޝިނަކަށް ނުވަތަ އެލްގޮރިދަމަކަށް ބަދަލުކުރެވޭނެ އެއްޗެއް ނޫންކަމަށް އެކަމަނާ ވިދާޅުވިއެވެ.

ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ މޫސުމީ ބަދަލުތަކާއި ޖިއޮގްރަފީ ގޮތުން ހުރި ގޮންޖެހުންތަކަށް އިޝާރާތް ކުރައްވައި، ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ވެފައިވާ ވައުދުތައް އެކަމަނާ ތަކުރާރުކުރެއްވިއެވެ. އެގޮތުން އިންސާނީ ވަސީލަތް ބިނާކުރުމަށާއި ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ ނަރުހުން ކުރައްވާ ބުރަ މަސައްކަތުގެ އަގުވަޒަންކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި ސިއްހީ ދާއިރާގެ އިސް ސަފުގައި އަންހެނުންގެ ދައުރު އިތުރުކުރުމަކީ މުޅި ނިޒާމު ހަރުދަނާވުމަށް ލިބޭ ބޮޑު ބާރެއްކަމަށްވެސް ވިދާޅުވިއެވެ.

ކޮންފަރެންސް އިފްތިތާހްކޮށްދެއްވުމާ ގުޅިގެން، އިންތިޒާމުކުރި ފަރާތުގެ ނަމުގައި މެޑަމް ސާޖިދާއަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. މި ފިލާ އެކަމަނާއަށް އެރުވީ ކޮންފަރެންސްގެ ކޯ-ޗެއާ އެސޯސިއޭޓް ޕްރޮފެސާ ފާޠިމަތު ޝިފާޒާއެވެ.