ރާއްޖޭގެ ސަރުކާރު ސްކޫލްތައް އޭސީ ކުރުމަށްޓަކައި ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫއު ބައެއް ރަށްރަށުގައި ލަސްވަމުންދަނީ އެ ސްކޫލްތަކުގެ ކަރަންޓު ވިއުގަ ބާވެފައިވުމުގެ ސަބަބުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، މުޅި ރާއްޖޭގައި މި މަޝްރޫއު ކުރިއަށްގެންދާއިރު، މިހާތަނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ އެގޮތުން ޖުމްލަ 217 ސްކޫލެއްގައި މި މަސައްކަތް ފަށާފައިވާއިރު، މިއަދާ ހަމައަށް އޭގެ ތެރެއިން 61 އިންސައްތަ މަސައްކަތް މުޅިން ނިންމާލެވިފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލްތަކަކަށް ބޭނުންވާ އޭސީ ޔުނިޓްތައް މިހާރު ފޮނުވާ ނިމިފައިވާއިރު މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ބޮޑު އަމާޒަކީ ކުރިއަށް އޮތް ދެވަނަ ޓާމްގެ ކިޔެވުން ފެށެންވާއިރަށް ހުރިހާ ސްކޫލެއްގެ މަސައްކަތް އެއްކޮށް ނިންމައި، ކްލާސްރޫމްތައް ފިނިކުރުން ކަމަށެވެ. މި މަސައްކަތުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މަސައްކަތް އަވަސްކުރުމަށް ހުރަސްއެޅޭ އެންމެ ބޮޑު ސަބަބަކީ ބައެއް ރަށްރަށުގެ ސްކޫލް އިމާރާތްތަކުގެ ބާވެފައިވާ ކަރަންޓު ނެޓްވޯކް ކަމަށެވެ. .

"އަޅުގަނޑު ހިތުން ރާއްޖޭގެ ބައެއް ސްކޫލްތަކަކީ 35 އަހަރާއި 45 އަހަރު ވެފައި ހުރި ބާ އިމާރާތްތައް. ގިނަ ތަންތަނުގައި އަދިވެސް ހުރީ ސިންގަލް ފޭސް ކަރަންޓު،" މިނިސްޓަރު ވިދާޅުވިއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ފެނަކަ ކޯޕަރޭޝަނާ ގުޅިގެން ސްކޫލްތަކުގެ ކަރަންޓު ވިއުގަ ތްރީ-ފޭސް އަށް އަޕްގްރޭޑްކޮށް، އޭސީތައް ހިންގޭ ފަދަ ވަރުގަދަ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި މުދައްރިސުންނާއި، ބެލެނިވެރިން އަދި ދަރިވަރުންގެ ފަރާތުން ހުށަހެޅި އެންމެ ބޮޑު އެއް ރިކުއެސްޓަށް ބިނާކޮށް ފެށި މަޝްރޫއެކެވެ. ޖޫން 2024 ގައި ކ. މާފުށީ ސްކޫލުން ރަސްމީކޮށް އިފްތިތާހުކުރި މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 3,700 އަށްވުރެ ގިނަ ކްލާސްރޫމް އޭސީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، އޭސީތައް ހިންގުމަށް ހިނގާ ހަރަދު ކުޑަކުރުމުގެ ގޮތުން ސްކޫލްތަކުގައި ސޯލާ ޕެނަލް ހަރުކޮށް، އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތްވެސް ތިމާވެއްޓާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްދާކަން އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ހާމަކޮށްފައިވެއެވެ.