މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ތައުލީމީ ދާއިރާގައި ސިޔާސީ ނުފޫޒު އިންތިހާއަށް އޮތް ކަމަށެވެ.
އެގޮތުން، ކުރީގެ ސަރުކާރުން ސިޔާސީ ސަބަބުތަކަށްޓަކައި 23 ޕްރިންސިޕަލަކު އެ ބޭފުޅުން ތިއްބަވަންޖެހޭ ރަށް ނޫން އެހެން ރަށްރަށަށް މަޖުބޫރުން ބަދަލުކޮށްފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ވަނީ އެ ހުރިހާ ޕްރިންސިޕަލުންނަށް އިންސާފު ހޯދައިދީ، އެ ބޭފުޅުންގެ އަސްލު ވަޒީފާ އަދާކުރަންޖެހޭ ރަށްރަށަށް އަނބުރާ ބަދަލުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ދުވަސްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރުމުގެ ސަބަބުން ވަޒީފާގެ މާހައުލުގައި ތަފާތުކުރުންތަކާއި ފިޔަވަޅުތައް ކުރިމަތިވި ކަމަށް ބުނެ 200 އަށް ވުރެ ގިނަ މުދައްރިސުން ވަނީ މިނިސްޓްރީއަށް ޝަކުވާ ހުށަހަޅާފައެވެ. އެހެންނަމަވެސް، މި ސަރުކާރުގެ ސިޔާސަތަކީ އެއްވެސް މުވައްޒަފަކު ގެންގުޅޭ ސިޔާސީ ވިސްނުމަކަށް ބަލައި ފިޔަވަޅު ނޭޅުން ކަމަށާއި، ރައީސް މުއިއްޒު އަބަދުވެސް އިރުޝާދު ދެއްވަނީ ހުރިހާ މުވައްޒަފުންނާ މެދުވެސް އިންސާފުން އަމަލުކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލެއްވީ، މި ސަރުކާރުން ތައުލީމީ ދާއިރާ ކުރިއަރުވާނީ އެއްވެސް ތަފާތުކުރުމެއް ނެތި، ހުރިހާ މުވައްޒަފުންނަށް ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކޮށްދީގެން ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
