މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 7 ޕޮސިޓިވް ކޭސް ރިޕޯޓުކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މި ކޭސްތަކުގެ 74އަށް ވުރެ ގިނަ ކޮންޓެންޓުން ފާހަގަކުރެވިފައިވާކަމަށެވެ. އެއާއެކު އެޗްޕީއޭއިން ވަނީ ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކޮށްފައެވެ. އަދި ހޮސްޕިޓަލަށް ދާއިރު މާސްކް އެޅުމަށްވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

އެޗްޕީއޭއިން ބުނީ ހިމަބިހީގެ ކޭސްއެއް ފެނިއްޖެނަމަ އާންމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާ، ކޮންޓެކްޓުން ދެނެގަތުމުގެ އިތުރުން ކޮންޓެކްޓުންނަށް ވެކްސިން ދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އަދި އަވައްޓެރި ގައުމުތަކުގައިވެސް ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނަކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ ބަލީގެ އަލާމާތްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މި ބަލީގެ އާންމު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:

  • ގަދައަށް ހުން އައުން
  • ގައިގައި ރަތް ކުލައިގެ ބިހިތަކެއް ނެގުން
  • ކެއްސުމާއި އަރިދަފުސް ފޭބުން
  • ލޯ ރަތްވުން

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅާފައިވާ ގައުމަކަށް ވީނަމަވެސް، ދޭތެރެއަކުން މި ބަލީގެ ކޭސްތައް ފެންނަމުންދާތީ ވެކްސިން ފުރިހަމަކުރުމަށް ސިއްހީ މާހިރުން އަބަދުވެސް ބާރުއަޅުއްވައެވެ.