އަދަދު ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއާ ގުޅޭގޮތުން ވާހަކަދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބިރުދެއްކުމުގެ ބޭނުމުގައި ނެރުނު ސިޔާސީ އަމުރެއް ކަމަށް ސިފަކުރައްވައި، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް އާންމުކުރި މި ޑޮކިއުމަންޓްރީއާ ގުޅިގެން ފުލުހުން ދަނީ ގަޒުފުގެ މައްސަލައެއް ތަހުގީގުކުރަމުންނެވެ. މި މައްސަލައިގައި އެ ނޫހުގެ އިސްވެރިންގެ ޕާސްޕޯޓު ހިފަހައްޓައި ޖިނާއީ ދައުވާ އުފުލުމަށް މަސައްކަތްކުރަމުންދާއިރު، ކްރިމިނަލް ކޯޓުން ވަނީ އެ ޑޮކިއުމަންޓްރީގެ ވާހަކަ ސީދާކޮށް އަދި ނުސީދާކޮށްވެސް ދެއްކުން މަނާކޮށް މުޅި ރާއްޖެއަށް އަމުރެއް ނެރެފައެވެ.

މިކަމާ ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން ހިޔާލު ފާޅުކުރުމާއި ވާހަކަ ދެއްކުމުގެ ހައްގަކީ ކޮންމެ ދިވެހި ރައްޔިތަކަށްމެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއްކަމަށް ވިދާޅުވެ، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ ސަރުކާރަށާއި ކޯޓު އަމުރަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އާޒިމް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ނޫސްމަޖައްލާއަކުން ތައްޔާރުކުރި ޑޮކިއުމަންޓްރީއަކާ ގުޅުވައި، އެ ނޫހުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޖިނާއީ ދައުވާ އުފުލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

މީގެ އިތުރުން، ގާނޫނުއަސާސީން ނޫސްވެރިންނަށް ލިބިދޭ ހައްގުގެ ދަށުން ޝާއިއުކުރާ ލިޔުމެއް، މަޖައްލާއެއް، ފޮޓޯއެއް ނުވަތަ ވީޑިއޯއަކާ ގުޅުވައި އެ ވާހަކައެއް ދެއްކި ކޮންމެ ރައްޔިތަކީ ކުށްވެރިވާނެ މީހެއް ކަމުގައި ކޯޓަކުން ކަނޑައަޅައި ނެރުނު އަމުރަކީ ބިރުދެއްކުމުގެ ބޭނުމުގައި ނެރުނު ސިޔާސީ އަމުރެއްގެ ގޮތުގައި އާޒިމް ސިފަކުރެއްވިއެވެ.

"ދިވެހިރާއްޖެ މިއަދު މިދެކޭ މިނިވަން ހިޔާލުގެ މައްޗަށް ފިކުރުކޮށް ބަސްބުނުމުގެ ހައްގަކީ އެތައް ބަޔެއްގެ މިންނެތް މަސައްކަތުން ހޯދި އެއްޗެއް،"
އާޒިމް

ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ފަސޭހައިން ލިބުނު އެއްޗެއް ނޫންކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، ރައްޔިތުންނަށް ލިބިދީފައިވާ މިފަދަ އަސާސީ ހައްގުތައް ނިގުޅައިގަނެ، ދައުލަތުގެ ނިޒާމު ހުދުމުހުތާރު ގޮތަކަށް ފުރޮޅިގެންދާއިރު، އެކަމާ ދެކޮޅަށް އަޑުއުފުލުމުގައި މަޑަކުން ނުތިބޭނެ ކަމަށެވެ.